ކުޅިވަރު ކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާންތައް ހެދުމަށް ގަބުރުސްތާނުތައް ނެގުން ހުއްދަ ނުވާނެ ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ނެރުނު ފަތުވާ އާ ގުޅިގެން އަމަލު ކުރަންވީ ގޮތާ ބެހޭ ގޮތުން ކައުންސިލުގެ ލަފައަށް އަހާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް ވިދާޅުވީ މި ހަފްތާގެ ބުދަ ދުވަހު އޮންނަ ކައުންސިލުގެ ބައްދަލުވުމުގައި ކައުންސިލުގެ ލަފާއަކަށް އަހާނެ ކަމަށާއި، އަމަލު ކުރަމުން ގެންދާނީ ކައުންސިލުން ދޭ ލަފައާ އެއްގޮތަށް ކަމަށެވެ.

"މިހާރު އާ ފަތުވާއެއް އައީމާ އަޅުގަނޑު ކައުންސިލުގެ ލަފަޔަކަށް އަހާނަން، ކިހިނެއްތޯ އަމަލު ކުރަންވީ އަޅުގަނޑުމެން، ދެން ކައުންސިލުން ދެއްވާ ލަފަޔާ އެއްގޮތަށް އަޅުގަނޑުމެން އަމަލު ކުރަމުން ގެންދާނީ، ކައުންސިލުގެ ލަފަޔަކަށް އަޅުގަނޑު އަހާނަން މި އަންނަ ބުދަ ދުވަހު އޮންނަ ކައުންސިލުގެ ބައްދަލުވުމުގައި،" އާޒިމް ވިދާޅުވި އެވެ.

ކޮމިޓީން ނެރެފައިވާ ފަތުވާއަށް އިހުތިރާމު ކުރައްވާނެ ކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ، މާފަންނު ސަހަރާގައި ކުޅިވަރު ކުޅޭ މައިދާނެއް ހެދުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށާއި، އިސްލާމް ދީނާ ހިލާފު އެއްވެސް ކަމެއް އޭނާގެ މޭޔަރުކަމުގައި ނުކުރައްވާނެ ކަމަށެވެ.

މާލެ ތޮއްޖެހިފައި އޮތް މިންވަރަށް ބަލާ މާލޭގެ އިންދިރާސްވެފައި ހުރި ސަހަރާތައް އުވާލައި އެތަންތަނުގައި މައިޒާންތަކެއް ހަދަން 2019 ގައި އޭރުގެ ކައުންސިލުން ވެސް ނިންމީ މާލޭގެ ރައްޔިތުން ބޭރަށް ނުކުމެލައި އުޅޭނެ ޖާގަތައް ތަނަވަސް ކޮށްދޭން ޖެހޭ ކަމަށް ގަބޫލު ކުރެވިގެން ކަމަށާއި، އެ ނިންމެވުމާ އެއްގޮތަށް މާފަންނު ސަހަރާ އުވައިލުމުގެ ލަފަޔަކަށް ފަތުވާ ކޮމިޓީގައި މިހާރުގެ ރައީސް މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި އެދިވަޑަގެންނެވީ އެމަނިކުފާނު ވެސް އެކަން ގަބޫލު ކުރައްވާތީ ކަމަށް އާޒިމް ވިދާޅުވި އެވެ.

އެހެންކަމުން، މާފަންނު ސަހަރާ އުވައިލުމުގެ މަސައްކަތް މިހާރުގެ ކައުންސިލުން ކުރިއަށް ގެންދިޔައީ ފަތުވާ ކޮމިޓީން ނެރެފައި އޮތް ފަތުވާ އާއި ކަމާގުޅުންހުރި ފަރާތްތަކުން ދިން އިރުޝާދާ އެއްގޮތަށް ކަމަށް އާޒިމް ވިދާޅުވި އެވެ.

"އެ ބޭފުޅުން ލަފާ ދެއްވި ގޮތަށް އަޅުގަނޑުމެން ސިވިލް ސާވިސް މުވައްޒަފުން އެ މަސައްކަތް ކުރީ، ހަމަ ފުރާނާފައި، ކަށި ފެނިއްޖެއްޔާ، ފަހާފައި ހުންނަ ހުދު ފޮތި ކޮތަޅަށް އަޅައިގެން ގެންގޮސް އާސަހަރާގައި ވަޅުލީ، ކަށި ފެނިއްޖެއްޔާ، ދެން ވަރަށް މަދު ކަށި ހުރީ، އަނެއްހެން ކަށްޓެއް ނުވެސް ނެތް،" އާޒިމް ވިދާޅުވި އެވެ.

މުސްލިމުންގެ ގަބުރުސްތާނުތައް އުވާލުމުގެ ހުކުމާ ގުޅޭ ގޮތުން ފަތުވާ މަޖިލީހުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ފަތުވާގައި ބުނީ ބުނީ އިންސާނުންނަކީ މާތް الله މަތިވެރި ކުރެއްވި ބައެއް ކަމަށާއި އިންސާނާ މަރުވެ ދިޔުމުން ވެސް އެ މަތިވެރިކަން ގެއްލިގެން ނުދާ ކަމަށެވެ.

އިންސާނާ މަރުވުމުން ވެސް ގަބުރަށް އިހުތިރާމު ކުރުމަށް ދީނުގައި އަންގަވާފައިވާ ކަން ފާހަގަކުރަމުން އެ ފަތުވާގައި ގަބުރުސްތާނު ކޮނެގެން ކަށިތައް ނަގައި އެހެން ތަނަކަށް ބަދަލު ކުރުމުން ވަޅުލެވިފައިވާ މީހުންގެ ހުރުމަތް ކެނޑޭ ކަމަށާއި، ކުޅިވަރު ކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާންތައް ހެދުމަށް ގަބުރަށް އުނދަގޫ ކުރުމާއި ގަބުރުގެ ހުރުމަތް ކެނޑުން ހުއްދަ ނުވާނެ ކަމަށެވެ.