ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރު ޚާންގެ ކުރިއަށް އޮތް ކޮމެޑީ ފިލްމުގައި އޭނާގެ އަޑުން ކިޔާފައިވާ ދެ ލަވައެއް ހިމެނޭނެ ކަމަށް އާމިރު ބުނެފި އެވެ.
އެ ފިލްމުގެ ނަން މިހާތަނަށް ހާމަކޮށްފައި ނުވާއިރު އެ ފިލްމުގައި އާމިރު ފެނިގެންދާނީ ވަރަށް ހާއްސަ ކެމިއޯ ރޯލަކުން ކަމަށް އޭނާ ބުންޏެވެ.
އެ ފިލްމުގައި އާމިރުގެ އެކްޓިންގެ އިތުރުން އޭނާގެ ލަވަތަކެއް ވެސް ހިމެނޭއިރު އެ ލަވަތަކަށް އޭނާ ވަނީ ހާއްސަ ތަމްރީނު ތަކެއް ވެސް ނަގާފަ އެވެ. އެގޮތުން އޭނާ ވަނީ ލަވަ ކިޔުމަށް ވޮއިސް ޓްރެއިނިން ހަދާފަ އެވެ.
1998 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ގުލާމް"ގައި ހިމެނޭ ލަވައެއް ކަމަށްވާ "އާތީ ކިޔާ ކަންޑާލާ"އަކީ ވެސް އާމިރުގެ އަޑުން ކިޔައިދީފައިވާ ލަވައެއް ނަމަވެސް އޭރު އޭނާ ލަވަ ކީ އެއްވެސް ތަމްރީނަކާ ނުލަ އެވެ.
އާމިރު އިތުރަށް ބުނީ ކުރިއާ ހިލާފަށް އޭނާއަކީ މިހާރު ތަމްރީނު ލިބިފައިވާ ލަވަކިޔުންތެރިއެއް ކަމަށާއި އޭނާގެ އާ ލަވަތަކުން ބެލުންތެރިން ހައިރާން ކޮށްލާނެ ކަމަށެވެ.
އާމިރު އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޖެނީލިއާ ދޭޝްމުކްއާއެކު "ސިތާރޭ ޒަމީން ޕަރް"އިންނެވެ. އެންމެ އަވަހަށް ރިލީޒް ކުރެވޭނެ އޭނާގެ ފިލްމަކީ "ކޫލީ" އެވެ.