ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި މިމަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާ އާ ޓާމިނަލްގެ މަސައްކަތުގައި ރައީސް މުހައްމަދު މުއިއްޒުގެ 10 ޕަސެންޓް ހިއްސާވެސް ނޯންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީއެންއެފުން ރޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ މިދިޔަ ސަރުކާރުން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ޓާމިނަލަށް ބަދަލު ގެނައުމުގެ ނަމުގައި 300 މިލިއަން ޑޮލަރު އިތުރުކުރީ ކޮރަޕްޝަން ހިންގަން ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން އާ ޓާމިނަލާ ގުޅޭ ގޮތުން ކުރެއްވި ޓުވީޓްތަކެއް ދައުރުވަމުން އަންނައިރު، އެކަމަށް ރައީސް ޔާމީން ވަނީ އިޝާރާތް ކުރައްވާފަ އެވެ.

މި ޓްވީޓްތަކަކީ 2019 ވަނަ އަހަރު ޔާމީނަށް ޝުކުރު ދެންނެވުމަށް ފަހު، އާ ޓާމިނަލަކީ ދުރުވިސްނޭ ލީޑަރެއް ގެނެސްދެއްވާ ތަރައްގީއެއް ކަމަށް ސިފަކުރައްވާ ރައީސް މުއިއްޒު ކުރެއްވި ޓްވީޓެކެވެ.

މިކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، ޓާމިނަލް މަސައްކަތުގައި ޓާމިނަލް ޓެންޑާކުރުމާއި ބަޔަކާ ހަވާލުކުރުމާއި ދެން ފަހުން މަސައްކަތްކުރުމުގެ ބޮޑުބައި ކުރަން ޖެހުނީ ރައީސް ސާލިހުގެ ސަރުކާރަށް ކަމަށާއި، އާ ޓާމިނަލުގެ މަސައްކަތްތަކުގެ ތެރެއިން މި ސަރުކާރުން ކުރާ މަސައްކަތަށް ބަލާއިރު އޭގައި ރައީސް މުއިއްޒުގެ 10 ޕަސެންޓް ހިއްސާ ވެސް ނޯންނާނެ ކަމަށެވެ.

"ޓާމިނަލް މަސައްކަތުގައި ޓާމިނަލް ޓެންޑާކުރުމާއި ބަޔަކާ ހަވާލުކުރުމާއި ދެން ފަހުން މަސައްކަތް ކުރުމުގެ ބޮޑުބައި އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރާ ދިމާވީ ކުރުމަށް، މުއިއްޒު ކުރައްވާ މަސައްކަތަށް ބަލާއިރު އަޅުގަނޑަކަށް ހިޔެއް ނުވޭ 10 ޕަސެންޓު ވެސް އޭގައި އޮންނާނެހެނެއް އެނގޭތޯ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އާ ޓާމިނަލްގެ މަސައްކަތް ނުފެށި އޭރު ލަސްވީ ސައުދީ ފަންޑާއި އެ ތަނުގެ މަސައްކަތްކުރުމަށް ހަވާލުކުރީ ސައުދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕާ ދެމެދު ބައެއް ކަންކަމަށް އެއްބަސްނުވެވި ހުރުމުންކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ އެއީ ސިވިލް އިންޖިނިއަރިން މަސައްކަތެއް ކަމަށާއި، އެތަނަށް ހަރަދުވީ 28 މިލިއަން ޑޮލަރު ކަމަށެވެ.

އެހެން ނަމަވެސް ކުރީގެ ސަރުކާރުން މި ޕްރޮޖެކްޓަށް 300 މިލިއަން ޑޮލަރު އިތުރުކުރެއްވި އިރު، އެ ފައިސާ ބޭނުންކުރީ 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރަން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.