އިންޑިއާގައި ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ހޮނިހިރު ދުވަހު ރެކޯޑު އަދަދަކަށް މައްޗަށް ގޮސްފި އެވެ.
އެގޮތުން ހޮނިހިރު ދުވަހު ޖުމްލަ 152،682 މީހުން މިބައްޔަށް ޕޮޒިޓިވް ވެފައި ވާއިރު 838 މީހަކު ވަނީ ބަލީގައި މަރުވެފަ އެވެ. މިއީ މިހާތަނަށް އެ ގައުމުގައި މިހާތަނަށް ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު އެންމެ ގިނައިން ރެކޯޑު ކުރެވުނު ދުވަހެވެ.
އާބާދީގެ ގޮތުން ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު ގައުމު ކަމަށްވާ އިންޑިއާގައި ކޮވިޑްގެ ހާލަތު ދުވަހަކަށްވުރެ ދުވަހެއް ގޯސްވަމުން ދާއިރު އެ ގައުމަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ކޮވިޑް 19ގެ ކޭސްތައް ތިންވަނަ އަށް އެންމެ ގައުމެވެ.
ކޮވިޑް-19 އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އިންޑިއާ ސަރުކާރުން ވަނީ ހާލަތު އެންމެ ގޯސްވެފައިވާ މަހާރަސްތާ ސްޓޭޓުގެ މައި ސިޓީތައް ހަފްތާ ބަންދަށް ލޮކްޑައުން ކުރަން ނިންމާފަ އެވެ. އޭގެ ތެރޭގައި އެ ގައުމުގެ ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ މުމްބާއީ ވެސް ހިމެނެ އެވެ.
މައި އިދިކޮޅު ޕާޓީ ކަމަށްވާ ކޮންގްރެސް ޕާޓީގެ ރައިސް ސޯނިއާ ގާންދީ ވިދާޅުވެފައި ވަނީ ކޮވިޑް-19ގެ އަދަދުތައް މިހާ މައްޗަށް ދާން މެދުވެރިވި މައިގަނޑު ސަބަބަކީ ދީނީ އަދި ސިޔާސީ އެއްވުންތައް ގިނަވެ އެފަދަ ހަރަކާތްތަކުގައި އިޖުތިމާއި ގައި ދުރުކުރުން ފަދަ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ފަރުވާކުޑަ ކުރާތީ ކަމަށެވެ. އެކަމަނާ މިހެން ވިދާޅުވެފައި ވަނީ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ބެންގާލްގައި ބޭއްވި ސިޔާސީ އެއްވުމެއްގައި ބައިވެރިވެ، އާއްމުންނާ މުޚާތަބުކުރައްވާފައި ވަނިކޮށެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ވެކްސިން ޖެހުން އިންޑިއާގައި ހަލުވި ކަމާއެކު ކުރިއަށް ދާއިރު ގިނަ ސްޓޭޓުތަކުން ވަނީ ވެކްސިން ލިބުނު އަދަދު މަދު ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އަދި މިހާތަނަށް ވެކްސިން ޖެހިފައިވަނީ 1.3 ބިލިއަންގެ އާބާދީ އޮންނަ އިންޑިއާގެ އާބާދީގެ ވަރަށް ކުޑަ އިންސައްތައަކަށް ކަމަށާއި އެހާވަރުން މިބަލި ކޮންޓްރޯލް ކުރަން އުނދަގޫވާނެ ކަމަށެވެ.
އިންޑިއާ ސަރުކާރުން ދަނީ ވެކްސިންގެ އިތުރު ޝިޕްމަންޓްތަކަކަށް އޯޑަރު ދީފަ އެވެ.