ބަރުދަން އިތުރުވެ ފަލަވުމުގެ މައްސަލައަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި ވެސް އިތުރުވަމުންދާ ކަމެކެވެ. ކޮންމެ މީހަކު ވެސް ބޭނުންވާނީ ބަރުދަން ލުއިކޮށް މީހާގެ ބައްޓަން ރީތިކޮށް ހުރުމާއެކު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށެވެ.

ބޭނުންވި ނަމަވެސް ގިނަ ފަހަރު އަޅުގަނޑުމެން ބަރުދަން ލުއިކުރުމަށް އަޒުމް ކަނޑައަޅައި ފެށެނީ މާ ބޮޑެތި އުންމީދާއެކު އަވަހަށް ވީހާވެސް ބޮޑަށް ބަރުދަން ލުއިކޮށްލުމަށެވެ. ހަފްތާއަކުން 10 ކިލޯ ލުއިކޮށްލުމަށް ހުވަފެން ދެކި ކެއުމުގެ ވަގުތުތައް ދޫކޮށްލައި ސްޓްރިކްޓް ޑައިޓެއް ފެށި ނަމަވެސް އެކަން ދަނީ ޗޮކުންނެވެ. ދެ ދުވަސް ނުވެ ޑައިޓް ބެރޭކްވެ، ކުރިއަށް ވުރެ ގަދައަށް ކާން ފެށެ އެވެ.

ބަރުދަން ލުއިކުރުމަށް ހަށިގަނޑަށް ކުޅަދާނަ ނުވާވަރު ނުކޮށް ވެސް ބަރުދަން ލުއިކުރެވިދާނެ އެވެ. ހަށިގަނޑަށް ބޭނުންވާ ވަގުތު ދީގެން ފަސޭހަކަމާއެކު ވެސް ބަރުދަން ލުއިކުރުމަށް މަސައްކަތް ކުރެވޭނެ އެވެ. އެގޮތުން އެފަދަ ބައެއް ކަންކަން މި ލިޔުމުގައި ހިއްސާކޮށްލާނަމެވެ.

އެންމެ މުހިއްމު ކަމަކީ ދުވާލެއްގެ މައްޗަށް ކެއުމަށް ބޭނުންކުރާ އެއްޗެއްސަށް ފޯކަސް ކުރުމެވެ. އެގޮތުން ގިނައިން ބަތާއި ރޮށި ނުވަތަ ޕާން ތައްޓަށް އެޅުމުގެ ބަދަލުގައި ތަރުކާރީ އާއި މޭވާ އަދި ޕްރޮޓީން ހިމެނޭ މަހުގެ ބާވަތްތައް ތަށީގައި އިތުރުކުރާށެވެ. މިފަދަ ބާވަތްތައް ކެއުމުން އަވަހަށް ބަނޑުހައި ނުވެ ފުރިފައި ހުންނަ ކަމުގެ އިހުސާސް ކުރެވޭނެ އެވެ.

ދެން އޮތީ ކުރެވިދާނެ ވަރަށް ފަސޭހަ ކަމެކެވެ. ގިނައިން ފެން ބޯށެވެ. ގިނަ ފަހަރު އަޅުގަނޑުމެން ބަނޑުހައި ވަނީ ކަމަށް ހީކުރެވުނަސް އެއީ ފެން ބޮވަނީ ކަމަށްވެދާނެ އެވެ. ފެން ބުއިމުން އެތެރެހަށީގެ ގުނަވަންތައް މަސައްކަތް ކުރުމަށް ފަސޭހަވެ އެވެ. އަދި ކޮންމެ ފަހަރަކު ވެސް ކާން ފެށުމުގެ ކުރިން ބޮޑު ފެންތައްޓެއް ބޯލުމުން ކާލާނަމޭ ހިތުލައިގެން އިންނަވަރަށް ކާހިތެއް ނުވާނެ އެވެ.

ކާއިރު ލަހުން ކެއުމަކީ ވެސް މަދުން ކެއުމަށް އެހީތެރިވެދޭ ކަމެކެވެ. އަވަސް އަވަހަށް ކެއުމުން މީހާ ފުލްވިކަން ބުނެދޭން ސިކުނޑިއަށް ވެސް އޮޅެ އެވެ. އޭރުން މާ ގިނައިން ކެވި ފަހުން އުނދަގޫވާނެ އެވެ.

ދެން އޮތީ ހަށިގަނޑު ހަރަކާތްތެރި ކުރުމެވެ. ކޮންމެ ދުވަހަކު ބޫޓަށް އަރައިގެން ޖޮގިންއަށް ނުދެވުނަސް، ކުޑަކޮށް ހިނގާލައި ހަދާށެވެ. މިސާލަކަށް ސައިކަލަށް އަރައިގެން ކައިރި ތަކަނަކަށް ދިއުމުގެ ބަދަލުގައި ހިނގާލާފައި ދެވިދާނެ އެވެ. ނުވަތަ ގޭގައި ލަވައެއް ޖަހާލައިގެން ކުޑަކޮށް ޑާންސް ކޮށްލިއަސް ފެށުމަކަށް ފުދެ އެވެ.

ބަރުދަން ލުއިކުރުމަށް ބޭނުންވަނީ ގިނަ ދުވަހުން ވިއަސް ރަނގަޅު އާދަތައް ހަށިގަނޑުގައި އަށަގެންނެވުމެވެ. ހަށިގަނޑަށް ފައިދާހުރި އެއްޗެހި ކެއުމާއި ނިދި ހަމަކުރުމެވެ. ކަންނެތް ދިރިއުޅުމުގެ އާދަތައް ދޫކޮށްލައި، ހެލިފެލިވެ، އުޅުން އިތުރު ކުރުމެވެ. އޭރުން މަޑުމަޑުން ނަތީޖާ ފެނި، ގިނަ ދުވަހަށް އެގޮތުގައި ހަށިގަނޑު ދެމެހެއްޓުމަށް ފަސޭހަވާނެ އެވެ.