ބިގްބޮސް 16 އިން ވިދާލި އަބްދު ރޯޒިކް މިފަހުން ދުބާއީގައި ހައްޔަރު ކުރި ވާހަކައަކީ އޭނާގެ ކުރީގެ މެނޭޖްމަންޓުން ފެތުރި ވާހަކައެއް ކަމަށް އަބްދު ބުނެފި އެވެ.

އަބްދުގެ ފަރާތުން މީގެ ކުރިން ބުނެފައިވަނީ ވައްކަމުގެ ތުހުމަތުގައި ދުބާއީ އެއާޕޯޓުން އަބްދު ހިފެހެއްޓިނަމަވެސް، އެކަން ވީގޮތް ސާފުކޮށްދިނުމުން ދޫކޮށްލާފައިވާ ކަމަށެވެ.

އަބްދު ދުބާއީ އެއާޕޯޓްގައި ހައްޔަރުކުރީ މި މަހުގެ 12 ވަނަ ދުވަހު އެވެ. މިކަމާއި ގުޅޭ ގޮތުން ވާހަކަދައްކަމުން އަބްދު ބުނީ އެނާ ހައްޔަރުކުރިކަމަށް ބުނެ ދެކެވެނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އަދި އެއީ އޭނާ ކައިރީގައި ކުރިން މަސައްކަތް ކުރި ޓީމުން އޭނާގެ އަބުރު ކަތިލުމަށް ފަތުރާ ވާހަކަތަކެއް ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

އަބްދު ބުނީ އޭނާ ވައްކަން ކުރި ކަމަށް ބުނާ އެއްޗެއްސަކީ އޭނާގެ އަމިއްލަ އެއްޗެހި ކަމަށެވެ. އޭގެ ތެރޭގައި ގުޗީ ދަބަހާއި މޮޅު ފޯނެއް ހިމެނޭކަމަށް އޭނާ ބުންޏެވެ.

އެނގިފައިވާ ގޮތުގައި ދުބާއީގައި އަބްދު ހައްޔަރެއް ނުކުރެ އެވެ. ނަމަވެސް އޭނާ އެއާޕޯޓްގައި ހިފެހެއްޓުމަށްފަހު ދޫކޮށްލީކަމަށް އޭނާގެ ޓީމުން ބުނެ އެވެ.