ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ހަދާފައިވާ އައިނު ފިހާރަ މި މަހުގެ 27 ވަނަ ދުވަހު ހުޅުވަން ތައްޔާރުވެއްޖެ އެވެ.
"ހުރިހާ" އަށް މައުލޫމާތު ދިން އައިޖީއެމްއެޗްގެ އޮފިޝަލަކު ބުނީ މި މަހުގެ 27 ގައި އެ ހޮސްޕިޓަލުގައި ހުރި އައިނު ފިހާރަ ހުޅުވައި ހިދުމަތް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި އެގޮތުން މިހާރު ކުރިއަށްދަނީ އައިނު ފިހާރަ ހުޅުވުމަށްޓަކައި ކޮންމެހެން ނިންމާލަންޖެހޭ ފިނިޝިންގެ މަސައްކަތްތައް ކަމަށެވެ.
އައިޖީއެމްއެޗްގައި އައިނު ފިހާރައެއް ހުޅުވަން ތައްޔާރުވެފައި ވާއިރު، މިއީ ސަރުކާރު ހޮސްޕިޓަލެއްގައި އައިނު ފިހާރައެއް ހުޅުވައި އެ ހިދުމަތް ދޭ ފުރަތަމަ ހޮސްޕިޓަލެވެ.
އައިނު ހެއްދުމަށް އާސަންދައިގެ ތެރެއިން އެހީ ދެނީ ކޮންމެ ދެ އަހަރުން އެއް އަހަރު ކޮންމެ މީހަކަށް 2،000 ރުފިޔާ އެވެ. އެކަމަކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާ ހަމައަށް އައިނު ހައްދަން އާސަންދަ އިން ދިނީ 1،000 ރުފިޔާ އެވެ.
އައިނު ވިއްކުމުގައި އަމިއްލަ ވިޔަފާރިތަކުން ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަކަޑް ގެނައުމަޑް ކަމަށް ބުނެ މި ސަރުކާރުން އައިނުގެ ވިޔަފާރީގެ ތެރެއަށް ވަންނަން ނިންމާފައިވާ ކަމަށް ރައީސް މުއިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން މި ވިޔަފާރީގެ ތެރެއަށް ވަންނަން ނިންމީ ރައްޔިތުންގެ ފަރާތުން އެކަމަށް އެދެމުންދާތީ، އެއާއިގުޅިގެން ބައްލަވަންޖެހޭ ކަންކަން ބެއްލެވުމަށްފަހުކަމަށެވެ. އަދި އައިޖީއެމްއެޗާއި ސަރުކާރު ހޮސްޕިޓަލްތަކުން އައިނު ވިޔަފާރި ފެށުމަށް ނިންމީ އައިނަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކުރުމުން، އެއަގުގައި ދަށް ފެންވަރުގެ އައިނު ރައްޔިތުންނަށް ފޯރުކޮށްދީ، އެކަމުން އަމިއްލަ ވިޔަފާރިތަކުން ނާޖާއިޒް ފައިދާ ނެގުމަށް ފުރުސަތު ނުދިނުމުގެ ގޮތުންކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
މި ސަރުކާރުން އައިނުގެ ވިޔަފާރީގެ ތެރެއަށް ވަންނަން ނިންމާފައިވާކަން އިއުލާނު ކުރެއްވި އިރު އަމިއްލަ ކުންފުނިތަކުން ކުރަމުންދާ ބައެއް ވިޔަފާރިތައް ހުއްޓާލުމަށް ވެސް ރައީސް މުއިއްޒު ގޮވާލައްވާފައި ވެއެވެ. އެގޮތުން، ކުއްލި ގޮތަކަށް ގާނޫނާއި ގަވާއިދުތައް ވުޖޫދުކޮށް ބައެއް ވިޔަފާރިތައް ހުއްޓުމަކަށް ގެންނަން މަޖުބޫރުކޮށްފައިވާކަން ވިޔަފާރިވެރިންދަނީ ބުނަމުންނެވެ.