އެންސްޕާ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ދާ ބަލި މީހުންނަށް 2،000 ޑޮލަރާ ހަމައަށް ބޭންކުތަކުން ޑޮލަރު ލިބޭނެ ގޮތް އަންނަ މަހުން ފެށިގެން ހަމަޖައްސަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަންގަވައިފި އެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށްދާ މީހުންނަށް ޑޮލަރު ހޯދުމުގައި ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން، އަންނަ އޯގަސްޓު އެއްވަނަ ދުވަހުން ފެށިގެން އެންސްޕާ ޕޭޝަންޓުންނަށް ވެސް ބޭންކުތަކުން 2000 ޑޮލަރާ ހަމައަށް ޑޮލަރު ލިބޭނެ ގޮތް ހަމަޖެއްސުމަށް އެމަނިކުފާނު އަންގަވާފައިވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އަމިއްލަ ހަރަދުގައި ރާއްޖޭން ބޭރަށް ބޭސް ފަރުވާއަށް ދާ މީހުންނަށް ވެސް އެ ދުވަހުން ފެށިގެން 1000 ޑޮލަރު ބޭންކުތައް މެދުވެރިކޮށް ހަމަޖެއްސުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ.
ކަޅުބާޒާރުގައި ޑޮލަރުގެ އަގު ހުރީ މިހާތަނަށް ދުވަހަކު ވެސް މައްޗަށްނުދާހާ މަތީގަ އެވެ. 20ރ. އަށްވުރެ މަތީގައި ޑޮލަރުގެ ރޭޓް ހުރުމުން އެތައް ބަޔަކަށް ދަތިތަކާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ.