ރައީސް މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ މަސްއޫލިއްޔަތުތައް ހަވާލުވެގެން ތިބޭ މީހުންގެ ފަރާތުން މަޖިލިސް މެމްބަރުންނަށް އެންމެ އެދެވޭ ޖަވާބެއް ނުލިބޭ ކަމަށާއި އެހެން ކަމުން ކަމެއް އޮޅުފޮލުވަން ދާން ޖެހެނީ ކޮންތާކަށް ކިހިނެތް ކަން ވެސް ނޭންގޭ ކަމަށް މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު، މުހައްމަދު ޝަމީޒް ވިދާޅުވެއްޖެ އެވެ.
ފެނާއި ނަރުދަމާގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތަކާ ބެހޭ ގޮތުން މަޖިލީހުގައި ވާހަކަދައްކަވަމުން ޝަމީޒް ވިދާޅުވީ ގދ. ނަޑެއްލާ އާއި މަޑަވެލީގެ ނަރުދަމާގެ މަސައްކަތްތައް ފެށިތާ އެތައް ދުވަހެއް ފާއިތުވެފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް އެ މަސައްކަތްތައް ނިމޭނެ ދުވަހެއް ރައްޔިތުންނަށް ނޭނގޭ ކަމަށެވެ. އަދި އެ ކަމުގެ ޒިންމާ ނަގަން ޖެހެނީ ކޮން ސަރުކާރަކުންތޯ އޭނާ ވަނީ ސުވާލު އުފައްދާފައި އެވެ.
މެމްބަރު ޝަމީޒު ވިދާޅުވީ އެބޭފުޅާގެ ދާއިރާގައި ހިމެނޭ އެންމެ އާބާދީ ބޮޑު ރަށުގައި ނަރުދަމާއެއް ނޭޅި އޮންނަތާ 15 އަހަރު ވާން ގާތްވެފައި ވާ ކަމަށާއި މި ސަރުކާރަށް ދެ އަހަރުވެގެން ދާއިރުގައި އަދިވެސް ނަރުދަމާގެ ކަންތައް އޮތް ގޮތެއް ހަމަ އޮޅުން ފިލާވެސް ނުލެވުނު ކަމަށެވެ. އަދި އެކަމުގެ ކަންކަން އޮޅުން ފިލުވަން ދަނީ ކޮންތަނަކަށް ކަމެއް ވެސް އެނގިނުލައްވާ ކަމަށް ވެސް ޝަމީޒު ވިދާޅުވިއެވެ.
ޝަމީޒު ވިދާޅުވީ މި ސަރުކާރުގައި އެ މަސްއޫލިއްޔަތުތައް ހަވާލުވެގެން ތިބޭ މީހުންގެ ފަރާތުން މެންބަރުންނަށް އެދެވޭ ޖަވާބުތަކެއް ލިބެމަކުން ނުދާކަމަށެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ ފައިސާ ހަރަދު ކުރަނީ ކޮން ކަމަށްތޯ މަޖިލީހުން ބަލަންޖެހޭ ކަމަށާއި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް އެ ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަ ކުރޭތޯ މަޖިލިސް މެންބަރުން ބަލައި އެ ވާހަކަ ދައްކަން ޖެހޭ ކަމަށެވެ. އަދި ރައްޔިތުން ތަމްސީލުކުރައްވާ ބަޔަކު އެ ވާހަތައް ދައްކަން ޖެހޭނޭ ކަމަށް ވެސް ޝަމީޒް ވިދާޅުވި އެވެ.
ޝަމީޒު ވިދާޅުވީ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުނުކޮށް މަޝްރޫއުތައް ހިންގާނެ ކަމަށް މިދިޔަ ސަރުކާރުން ވައުދުވި ނަމަވެސް މަޑަވެއްޔަށް އެންމެ ވެލިފުކެއް ވެސް ގެންގޮސްފައި ނުވާ ކަމަށާއި އެ ދާއިރާގެ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ނުގޮސް މަޑުޖެހިފައި ހުރުމުގެ ޒިންމާ ކުރީގެ ސަރުކާރުތަކުން ނަގަންޖެހޭނޭ ކަމަށެވެ.
ޝަމީޒު ވިދާޅުވީ ދާދި ފަހުން ހައުސިން މިނިސްޓަރު މަޑަވެއްޔަށް ވަޑައިގެންނެވި ކަމަށާއި އަދި ވަޑައިގެންފައި މަޑަވެލީ ރައްޔިތުންނަށް ދެ މަސްދުވަސް ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވި ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ކުރިމަތީގައި ދެންނެވި ދެންނެވުމެއް ކަމުން އެގޮތަށް މި މަސައްކަތް ކޮށް ނިންމާނެ ކަމަށް އުންމީދު ކުރާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.