އަވަށްޓެރި އިންޑިއާ އަކީ ރާއްޖެއަށް އިތުބާރު ކުރެވޭ ގާތް އެކުވެރިއެއްކަން ދަނީ ހާމަވަމުން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން މިރޭ ނެރުއްވި ބަޔާނެއްގައި ސޯލިހު ވަނީ ރާއްޖޭގެ މިނިވަން ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތަށް މޯދީއަށް ދައުވަތު އެރުވި ކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު ދަންނަވާފަ އެވެ.
ސޯލިހު ވިދާޅުވީ މޯދީގެ ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"ސިޔާސީ ގޮތުން ހިޔާލު ތަފާތުވި ނަމަވެސް އިންޑިއާ އަކީ ރާއްޖެ އަށް އިތުބާރު ކުރެވޭ ގާތް އެކުވެރި ގައުމެއްކަން މި މަތީ ފަންތީގެ މި ޒިޔާރަތުން ވެސް ހާމަވެ އެވެ،" ސޯލިހު ވިދާޅުވި އެވެ.
މޯދީގެ ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވާނެ ދަތުރުފުޅަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ސޯލިހު ވިދާޅުވި އެވެ.
ސޯލިހުގެ ވެރިކަމުގައި އިންޑިއާއާ ވަރަށް ގާތް ގުޅުމެއް ބޭއްވެވި އެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ތަރައްގީއަށް އެ ގައުމުން ވަނީ ބޮޑެތި އެހީތައްދީފަ އެވެ. ތިލަމާލެ ބްރިޖް އަޅަނީ ވެސް އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުންނެވެ.