ދިވެހިރާއްޖޭގެ 60 ވަނަ މިނިވަންދުވަހާ ދިމާކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ވަޑައިގަތުމުން އެމަނިކުފާނަށް ރަތްދޫލައިގެ މަރުހަބާއެއް ދަންނަވައިފި އެވެ.

މިއަދު ހެނދުނު މޯދީ ރާއްޖެއަށް ވަޑައިގެންނެވިއިރު، އެއާޕޯޓުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސް މުހައްމަދު މުއިއްޒެވެ. ރައީސް މުއިއްޒުގެ އަރިހުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން ގެ އިތުރުން މި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަތުމުން މަރުހަބާ ދެންނެވުން. ފޮޓޯ: ރައީސް އޮފީސް

އެނގިފައިވާ ގޮތުގައި ރަސްމީކޮށް މޯދީއަށް މަރުހަބާ ދެންނެވުން އޮންނާނީ މިއަދު މެންދުރު ފަހު ރަސްމީ ފާލަން ސަރަހައްދުގަ އެވެ.

މި ދަތުރުފުޅުގައި މޯދީ، އިދިކޮޅު އެމްޑީޕީގެ އިސްވެރިންނާވެސް ބައްދަލުކުރަން ހަމަޖެހިފައިވާކަން ހާމަވެފައިވާއިރު، މި ދަތުރުފުޅުގައި ރައީސް މުއިއްޒާއި، ބޮޑުވަޒީރު މޯދީ މަތީ ފަންތީގެ ބައްދަލުވުންތައް ބާއްވަވާ، ބައެއް މަޝްރޫއުތައް އިފްތިތާހް ކުރުމަށްވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުންވެސް ބައެއް މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއި ކުރުމާއެކު އެކި އެކި ދާއިރާތަކުން އެއްބާރުލުންދިނުމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގަތުމުން މަރުހަބާ ދެންނެވުން. ފޮޓޯ: ރައީސް އޮފީސް

ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމަށްފަހު މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 އިން 26 ވަނަ ދުވަހާ ހަމައަށެވެ.