ރައީސް މުހައްމަދު މުއިއްޒުގެ ދައުވަތަކަށް މި އަންނަ ހޯމަ ދުވަހު ލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކެ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
ރައީސް އޮފީހުން ބުނީ ޑިސަނަޔަކެ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒާއި ޑިސަނަޔަކެ އާ ދެބޭފުޅުންގެ ދެމެދުގައި ދެގައުމަށްވެސް ފައިދާ ކުރަނިވި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރެވިދާނެ ގޮތްތަކާ މެދު މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއީ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ލަންކާގެ ރައީސް ޑިސަނަޔަކެ ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުކަމަށްވާއިރު، ލަންކާގެ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި މި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ގުޅުންގާއިމު ކުރެވުނު ތާރީހު ކަމަށްވާ ޖުލައި 29 ވެސް ފާހަގަކުރެވިގެންދާނެ އެވެ.