އިންޑިއާގެ އެހީތެރިކަމާއެކު 10 ފަންގިފިލާއަށް ތަރައްގީކުރި އެމްއެންޑީއެފް ކޯސްޓު ގާޑުގެ ދޮށިމޭނާ ބިލްޑިން މިއަދު ހުޅުވައިފި އެވެ.

ދޮށިމޭނާ ބިލްޑިންގް ހުޅުވުމުގެ ރަސްމިއްޔާތުގައިބައިވެރިވެ ވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެ ސަރަޙައްދަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ ރައީސް މުއިއްޒު އެވެ.

ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ ދަތުރެއްގައި މޯދީ ހުކުރު ދުވަހު ރާއްޖެ ވަޑައިގެންފައިވާއިރު، ދޮށިމޭނާ ބިލްޑިންގެ އިތުރުން ރާއްޖޭގައި އިންޑިއާއިން ފަށާފައިވާ ބައެއް މަޝްރޫއުތަކުގެ ނިންމުން ވަނީ ފާހަގަކޮށްފަ އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ހުކުރު ދުވަހު ރައީސް އޮފީހުގައި ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވީ، މީގެ ކުރިން ވެސް އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިން ގޮތަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އައު 10 ބުރީގެ މި އިމާރާތް، ދޮށިމޭނާ ބިލްޑިންގް އިފްތިތާހު ކުރުމުގެ ކުރިން ވަނީ އައު އިމާރާތް ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފަ އެވެ.

އެއަށްފަހު ދެ ބޭފުޅުން ވަނީ އެ އިމާރާތް ހުޅުއްވައިދެއްވާ، އިމާރާތް ބައްލަވާލައްވާފަ އެވެ.

ބޮޑުތަކުރުފާނުމަގުގައި ހުންނަ، އަލަށް އިފްތިތާހުކުރި އެ އިމާރާތަކީ ދިވެހިރާއްޖޭގެ ސިފައިންގެ ހިދުމަތް ފުޅާކޮށް ޒަމާނީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަސައްކަތުގެ ބައެކެވެ.