ކުރިއަށް އޮތް ހަފްތާތަކުގައި ތަރައްގީގެ ކަންކަން ހާސިލުވާތަން ފެންނާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ގައުމުގެ ތަރައްގީ ކުރިއަށް ގެންގޮސް، ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދުމުގައި ސަރުކާރުން ވަރަށް ހީވާގިކަމާއެކީ ރެއާ ދުވާލު މަސައްކަތްކޮށް، ވަރުގަދަ އަޒުމެއްގައި ކުރިއަށްދާނެ ކަމަށެވެ.

ބޭރުގެ އެކި ފަރާތްތަކުގެ އެހީތެރިކަން ހޯދާނެކަން ހާމަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ހަފުތާތަކާއި މަސްތަކުގައިމިދިޔަ ގިނަ ދުވަސްތަކުގައި މި ތައްޔާރުވަމުން އައި ކަންތައްތައް އަމަލީގޮތުން ފެނިގެންދާނެ ކަމަށެވެ.

"ކުރިއަށް އޮތް ހަފުތާތަކާއި މަސްތަކުގައި، މި ދަންނަވަނީ އަހަރުތަކެއް ނޫން. ހަފުތާތަކާއި މަސްތަކުގައި ފެންނާނެ. އިރާދަކުރެއްވީތީ މިދިޔަ ގިނަ ދުވަސްތަކުގައި މި ތައްޔާރުވަމުން އައި ކަންތައްތައް އަމަލީގޮތުން ފެނިގެންދާނެ. އިރާދަކުރެއްވިއްޔާ ރާއްޖޭގެ ކޮންމެ ރަށެއްގައި އަދި މާލޭގައި ވެސް ތަރައްގީގެ ކަންކަން ހާސިލުވާތަން ފެންނާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މައިގަނޑު ސިޔާސަތަކީ ދިވެހީން އިސްކުރުން ކަމަށާއި، ރާއްޖޭގެ އިމުގެ ތެރޭގައި ކުރާ ކަންކަން ދިވެހިންގެ އަތުން ކޮށް، ރާއްޖެއަށް ފައިދާވާ ކޮންމެ ކަމެއްގައި އެހެން ގައުމުތަކާއެކު ގާތްގުޅުމެއް ބާއްވައިގެން ކަންކުރުން ކަމަށެވެ.