މާވެލް ސުޕަހީރޯ ޔުނިވާސްއަށް އަލަށް ތައާރަފްވި "ފެންޓާސްޓިކް ފޯ: ފަސްޓް ސްޓެޕްސް"އަށް ފުރަތަމަ ދުވަހު ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

ހޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުގައި "ފެންޓާސްޓިކް ފޯ" އެޅުވި ފުރަތަމަ ދުވަހު ވެސް އެ ފިލްމަށް ވަނީ ބޮކްސް އޮފީހުގައި 56 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ.

އެއާއެކު އެ ފިލްމު ވެގެން ގޮސްފައިވަނީ ޖޭމްސް ގަންގެ މަޝްހޫރު ފިލްމު "ސުޕަމޭން"ގެ ފުރަތަމަ ދުވަހުގެ އާމްދަނީއާ އެންމެ ގާތްކުރި ފިލްމަށެވެ. "ސުޕަމޭން"ގެ ފުރަތަމަ ދުވަހު އެ ފިލްމަށް ލިބުނީ 56.5 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ.

ބޮކްސް އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި "ފެންޓާސްޓިކް ފޯ" ބަލަން ހުރިހާ އުމުރެއްގެ މީހުން ދިޔަ ނަމަވެސް އެންމެ ބޮޑު ހިއްސާއެއް ނަގާފައިވަނީ ޒުވާނުންނާއި ކުޑަކުދިންނެވެ.

ޕެޑްރޯ ޕާސްކަލްއާއި ވެނީސާ ކިރްބީގެ އިތުރުން ސޫ ސްޓޯމް ފަދަ ތަރިން ފެނިގެންދާ "ފެންޓާސްޓިކް ފޯ: ފަސްޓް ސްޓެޕްސް"އަކީ އެ ސުޕަހީރޯ ޓީމް ތައާރަފްކުރާ ފިލްމެވެ.

ފުރަތަމަ ދުވަހުގެ ކާމިޔާބީއާއެކު ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެ ފިލްމަށް އިތުރު ކާމިޔާބީތަކެއް ލިބޭނެ ކަމަށް ލަފާ ކުރެވެ އެވެ.