އއ. މާޅޮހުގެ ފަޅުތެރޭގައި އޮތް ދޯންޏެއްގައި އިއްޔެ އެއްޗެއް ގޮވި ހާދިސާގައި ފިހުނު ދެ ބިދޭސީންނަށް އައިސީޔުގައި ފަރުވާދެމުންދާ ކަމަށް އައިޖީއެއެޗުން ބުނެފި އެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް "ހުރިހާ" އަށް ވިދާޅުވީ މާޅޮހުގެ ފަޅުތެރޭގައި އޮތް ދޯންޏަކުން އެއްޗެއް ގޮވައި އަނިޔާވި ދެ މީހުން މިއަދު ހެނދުނު އެ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި އެއީ ދެ ބިދޭސީން ކަމަށާއި އެ ދެ މީހުންނަށް ވެސް ފަރުވާ ދެނީ އައިސީޔޫގައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 8:45 ހާއިރު ކަމަށެވެ.

ދޯނީގައި އެއްޗެއް ގޮވަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.

މިފަދަ ހާދިސާއެއް މާޅޮހުގައި ހިނގިއިރު، މި މަހުގެ 13 ވަނަ ދުވަހު އެ ރަށުގައި މީހަކު މަރާލާފައި އޮއްވާ ފެނިފައިވެ އެވެ.

އެ ރަށު އަބްދުއްރަހުމާން އާދަމް މަރާލި މައްސަލާގައި އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ. ނަމަވެސް މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެ އެވެ.