ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި އައިނު ފިހާރައެއް މިއަދު ހުޅުވައިފި އެވެ.

އެ އައިނު ފިހާރަ ރަސްމީކޮށް ހުޅުވައިދެއްވީ މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

އައިޖީއެމްއެޗުގައި ތަރައްގީ ކުރި މި އައިނު ފިހާރަ ހުޅުވުމުގެ އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގް ހަލީމް ވިދާޅުވީ އައިނު ފިހާރާގައި ގާއިމުކުރެވިފައިވާނީ އެޑްވާންސް މެޝިނަރީތަކެއް ކަމަށެވެ.

އެ ފިހާރާއިން ނަންބަރު ނެގުމާއި އައިނުގެ ލެންސުގެ ހުރިހާ ހިދުމަތްތަކެއް ލިބިގެންދާނެ އެވެ.

އާސަންދައިން ހޭދަކުރާ 2000ރ. ގެ އަދަދުގެ ތެރޭގައި ދިވެހި ކޮންމެ ރައްޔިތަކަށް އައިނު ހިލޭ ހެއްދުމުގެ ފުރުސަތު މިއަދުން ފެށިގެން ފަހިވެގެން މިދިޔައީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހަލީމް ވިދާޅުވީ އަންނަ އޮގަސްޓު މަހު ހުޅުމާލޭގެ ހޮސްޕިޓަލުގައިވެސް އައިނު ފިހާރައެއް ގާއިމްކޮށް ހިދުމަތް ދޭން ފަށާނެ ކަމަށެވެ. ސީދާ ވަކި ތާރިހެއް އޭނާ ވިދާޅެއް ނުވެ އެވެ.

އަދި ކުރިއަށް އޮތް ތަނުގައި އަތޮޅު ތެރޭގެ 5 ރީޖަނަލް ހޮސްޕިޓަލުގައިވެސް އައިނުގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ހަލީމް ވިދާޅުވި އެވެ.

އައިނު ފިޔަފާރިން ނާޖައިޒް ފައިދާ ނަގަމުން އަންނާތީ އެކަން ހުއްޓުވުމަށް ކަމަށް ވިދާޅުވެ، ރައީސް ޑރ. މުޙައްމަދުގެ ސަރުކާރުން އައިޖީއެމްއެޗްގެ ހޮސްޕިޓަލުގައި ހަދާފައިވާ އައިނު ފިހާރަ މިއަދު ރަސްމީކޮށް ހުޅުވިއިރު، އެ ފިހާރަ ހިންގަން އިންޑިއާ ބަޔަކަށް ދީފައިވާކަމަށް ވެސް ވަނީ އަޑުތައް ފެތުރިފަ އެވެ.

ސަރުކާރުން މި ވިޔަފާރީގެ ތެރެއަށް ވަންނަން ނިންމެވީ ރައްޔިތުންގެ ފަރާތުން އެކަމަށް އެދިވަޑައިގަންނަވާފައިވާތީ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

ސަރުކާރު ހޮސްޕިޓަލްތަކުން އައިނު ވިޔަފާރި ފެށުމަށް ނިންމެވީ އައިނަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކުރުމުން، އެއަގުގައި ދަށް ފެންވަރުގެ އައިނު ރައްޔިތުންނަށް ފޯރުކޮށްދީ، އެކަމުން އަމިއްލަ ވިޔަފާރިތަކުން ނާޖާއިޒް ފައިދާ ނެގުމަށް ފުރުސަތު ނުދިނުމުގެ ގޮތުންކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

މި ސަރުކާރުން އައިނުގެ ވިޔަފާރީގެ ތެރެއަށް ވަންނަން ނިންމާފައިވާކަން އޭރު އިއުލާނު ކުރެއްވި އިރު އަމިއްލަ ކުންފުނިތަކުން ކުރަމުންދާ ބައެއް ވިޔަފާރިތައް ހުއްޓާލުމަށް ވެސް ރައީސް މުއިއްޒު ގޮވާލައްވާފައި ވެއެވެ. އެގޮތުން، ކުއްލި ގޮތަކަށް ގާނޫނާއި ގަވާއިދުތައް ވުޖޫދުކޮށް ބައެއް ވިޔަފާރިތައް ހުއްޓުމަކަށް ގެންނަން މަޖުބޫރުކޮށްފައިވާކަން ވިޔަފާރިވެރިންދަނީ ބުނަމުންނެވެ.

މީގެ އިތުރުން، ދިވެހިންނަށް ފެންވަރު ރަނގަޅު ބޭސް ގެނެސްދޭނެކަމަށް ބުނެ، ޔޫރަޕުން ބޭސް ގެނައުމަށް އިއުލާންކުރުމަށްފަހު، ބޭސް ގެނައުމަށް އިންޑިއާގައި ބޭސް އުފައްދާ ބަޔަކާ ވަނީ ހަވާލުކޮށްފައެވެ. ރާއްޖެ ބޭހަށް ޖެހުމުން އެކަމުގެ ޒިންމާ ވެސް ރައީސް މަތިކުރެއްވީ އަމިއްލަ ވިޔަފާރިތަކާ އެވެ.