ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ހަސަން ސާބިރު އަވަހާރަވެއްޖެ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދެވި ސާބިރު އަވަހާރަވީ މިއަދު ހެނދުނު 7:31 ހާއިރު ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގަ އެވެ.

ސާބިރު އަވަހާރަވުމާ ގުޅިގެން ރައީސް މުހައްމަދު މުއިއްޒު ވަނީ ސާބިރުގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ.

މިގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުރި ސަފީރު، ސާބިރު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި ހަބަރު އަޑުއެއްސެވީ ވަރަށް ފުން ހިތާމައާ އެކު ކަމަށާއި، މިއީ މުޅި ދިވެހި ގައުމަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ.

ސާބިރަކީ ވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ފަތުރުވެރިކަމުގެ ދާއިރާއަށް، ވަރަށް ބިނާކުރަނިވި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަމާއި، ވަޒީރުކަމުގައި އެންމެ ދިގު މުއްދަތަކަށް ހިދުމަތްކުރެއްވީ ފަތުރުވެރިކަމުގެ ދާއިރާއިންކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެބޭފުޅާއަކީ ރާއްޖެއިން އެކި ގައުމުތަކަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ ހާރިޖީ ގުޅުންތައް ވަރުގަދަކުރެއްވުމަށް، ވަރަށް ހަރުދަނާ މަސައްކަތްޕުޅުތަކެއް ކުރެއްވި ޑިޕްލޮމެޓެއް ކަމަށެވެ.

ސާބިރަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން އަރުވާފައިވަނީ އިއްޔެ ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.

ސާބިރު ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަން ފެށްޓެވީ، 7 ފެބުރުވަރީ 1973 ގަ އެވެ.

އެމަނިކުފާނުގެ މަސައްކަތްޕުޅުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ، ނޭޝަނަލް ޕްލޭނިންގ އޭޖެންސީގައި ކުރެއްވި މަސައްކަތެވެ. ނޭޝަނަލް ޕްލޭނިންގ އޭޖެންސީ އުވައިލައްވައި، 10 ނޮވެންބަރު 1982 ގައި މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް އުފެއްދެވުމާ ގުޅިގެން، އެ މިނިސްޓްރީގެ ތަފާތު މަގާމުތައް ސާބިރު ފުރުއްވިއެވެ.

1993 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 11ވަނަ ދުވަހު، ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް، ރިޔާސީ 4ވަނަ ދައުރަކަށް ހުވާކުރެއްވުމަށްފަހު އެކުލަވައިލެއްވި ކެބިނެޓުގައި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަގާމަށް އައްޔަން ސާބިރު ދިވެހިރާއްޖޭގެ މަސްވެރިކަމާއި، ދަނޑުވެރިކަން ކުރިއެރުވުމަށްޓަކައި އެ މަނިކުފާނު ކޮށްދެއްވި މަސައްކަތްޕުޅުތައް ފާހަގަކޮށްލަން ޖެހެ އެވެ. ރައީސް މައުމޫންގެ ރިޔާސީ 5 ވަނަ ދައުރުގެ ކެބިނެޓުގައިވެސް ސާބިރު ހިމަނުއްވާ، ޓޫރިޒަމް މިނިސްޓަރަކަށް އައްޔަން ކުރެއްވި އެވެ.

ސާބިރުގެ ހިދުމަތް އޭގެފަހުން ފެނިގެންދިޔައީ، ރާއްޖޭގެ ހާރިޖީ ދާއިރާއިންނެވެ. އެގޮތުން އެ މަނިކުފާނު އަދާކުރެއްވި ބައެއް މަގާމުތަކުގެ ތެރޭގައި، އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމާއި، ސިންގަޕޫރުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމުގެ އިތުރުން ޔޫރަޕިއަން ޔޫނިއަންގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމާއި، ޖަޕާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމުގެ މަގާމު ހިމެނެ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގައިވެސް ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުގެ މަގާމު އަދާކުރައްވަމުން ގެންދެވި ސާބިރު ދިވެހި ދައުލަތަށް 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި އެވެ.