ކުރީގެ ފިރިމީހާ މަރާލި މައްސަލާގައި އުމުރު ދުވަހަށް ޖަލަށް ލުމުގެ އަދަބު ކަނޑައަޅާފައިވާ ހ. ބައިކަނޑިގެ މަރްޔަމް ނަޒާހާގެ މައްޗަށް ކުރިން ކަނޑައެޅުނު ލުއި ކޮށްދެވެން ސުޕްރީމް ކޯޓަށް އޮތް ކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު ވިދާޅުވެއްޖެ އެވެ.

"ވާރިސުން މައާފު ކުރުމުންވެސް ގާތިލު އުމުރަށް ޖަލަށްލުން: ކިހިނެތްވާކަމެއް؟" މައުޟޫގެ ދަށުން އަމިއްލަ ބްލޮގްގައި ސަމީރު ޝާއިއުކުރެއްވި ލިޔުމެއްގައި ވިދާޅުވީ، ނަޒާހާގެ ފަރާތުން އޭނާގެ ފިރިމީހާއަށް ހަމަލާދިނީ، ނަޒާހާގެ ފިރިމީހާގެ ފަރާތުން ލިބެމުންދިޔަ ގެވެށި އަނިޔާއާ ގުޅިގެން ކަމަށާއި، ނަޒާހާގެ ފިރިމީހާއަށް ހަމަލާދިންކަމަށް އޭނާ އިންކާރު ނުކުރާ ކަމަށެވެ.

އެ އާއިލާގެ ތެރޭގައި ކަން ހިނގާފައިވާ ގޮތުން ނަޒާހާގެ ކުރީގެ ފިރިމީހާގެ އާއިލާގެ ބައެއް މެންބަރުން ނަޒާހާއަށް އަދަބެއް ދޭކަށްވެސް އަދި އިސްލާމީ ޝަރީއަތުގައި އޮންނަ މަރަށްމަރު ހިފާކަށް އަދި ނަޒާހާގެ އަތުން ދިޔައެއްވެސް ބޭނުން ނޫންކަމަށް ބުނާއިރު، ނަޒާހާގެ ފުށުން މުޖުތަމައުއަށް އޮތް ނުރައްކަލެއް ކުރިއަށް އޮތްތަނުގައިވެސް ނެތްކަމަށާއި، ކީރިތި ގުރުއާނުގައި، ގަސްދު މަރުގެ މައްސަލަތަކުގައި ވާރިސުން އަފޫ ކުރީމާ، އިތުރު އަދަބެއް ދެވޭނެ ގޮތެއް ބަޔާންވެގެން ނެތް ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.

މި މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން އޭރު މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި އިންނެވި ސަމީރު ވަނީ މި ސަބަބުތައް ހުރިއިރު، ނަޒާހާ އުމުރު ދުވަހު ޖަލުގައި ބެހެއްޓުން އެއީ އިންސާފުވެރި ގޮތް ތޯ ސުވާލު އުފައްދާފަ އެވެ.

މި މައްސަލައަށް ދީނީ އަދި ގާނޫނީ ނަޒަރަކުން ސަމީރު އަލި އަޅުއްވާލާފައިވާއިރު، މި ލިޔުމުގައި ސަމީރު ވަނީ ކަންތައްތަކެއް ފާހަގަކުރައްވާފަ އެވެ.

  • ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް ގެނެވުނު އިސްލާހަށް 16 ޑިސެމްބަރ 2014 އަމަލުކުރަން ފެށުމުގެ ކުރިން، މަރުގެ ހުރިހާ ބާވަތެއްގެ މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ކޯޓުތަކުގައި ދައުވާ އުފުލަމުން ދިޔައީ އަދި އެފަދަމައްސަލަތަކުގައި ކޯޓުތަކުން އަދަބުކަނޑައަޅަމުންދިޔައީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) އަދި (ރ) އަށް ރިއާޔަތްކޮށް އެމާއްދާތަކުގެ ދަށުންނެވެ.
  • ގަސްދު މަރުގެ މައްސަލަތަކުގައި ވާރިސުންގެ ފަރާތުން މައާފު ކުރުމުން ތައުޒީރީ އަދަބެއް ދެވިދާނެކަން އަދި މަރުގެ އެހެން ބާވަތްތަކުގެ މައްސަލަތަކުގައިވެސް ތަޢުޒީރީ އަދަބެއްގެ ގޮތުން ގާތިލަށް ޖަލުގެ އަދަބު ދެވިދާނެކަން މީގެ ކުރިން ނިންމާފައި ހުރި މިފަދަ އެހެން މައްސަލަތަކުން އެނގެން އޮވެ އެވެ.
  • ކުރީގެ ގާނޫނުލްއުގޫބާތު އުވާލެވި، އަލަށް އަމަލު ކުރަން ފެށުނު ގާނޫނުލްއުގޫބާތާއި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަކީ، ނަޒާހާގެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމިއިރު، އަމަލު ކުރަމުންދިޔަ ދެ ގާނޫނެވެ.
  • ފަހުގެ ގާނޫނުލްއުގޫބާތުގެ ދަށުން ކުރާ މަރުގެ ދައުވާއެއްގައި ވާރިސުން މައާފުކޮށްފިނަމަ އެގާނޫނުގައި ބުނާ އަދަބުތަކުގެ ތެރެއިން ފަނޑިޔާރަށް ފެންނަ ތައުޒީރީ އަދަބެއް ކަނޑައެޅޭއިރު، އޭގެ ތެރޭގައި ހިމެނެނީ 2 އަހަރާއި 6 މަސް ދުވަހާއި 25 އަހަރާއި ދެމެދުގެ ޖަލު އަދަބެވެ.
  • ހައިކޯޓުން މައްސަލަ ނިންމެވިތާ 6 އަހަރު ދުވަހުގެ ފަހުން މަރްޔަމް ނަޒާހާގެ މައްޗަށް ކޮށްފައިވާ ހުކުމް ސުޕްރީމްކޯޓުގައި އިލްތިމާސްކުރުމުގެ ފުރުސަތު ދިނުމުން، ނަޒާހާގެ ފަރާތުން ވަނީ މި ހާދިސާ ހިނގުމުގެ ފަހުން މަރުގެ މައްސަލަތަކުގައި އަމަލު ކުރާ ގާނޫނަށް ބަދަލު އައިސްފައިވާތީ ފަހުގެ ގާނޫނުތަކުން ނަޒާހާއަށް ލިބެންއޮތް ލުއި ލިބެންޖެހޭނެކަމަށް ބުނެ އިސްތިއުނާފީ ނުކުތާ ހުށަހެޅި އެވެ.
  • އެހެންނަމަވެސް ނަޒާހާގެ މައްޗަށް ކަނޑައެޅި އަދަބުގެ މިންވަރަށް ގާނޫނުން ލުޔެއް އައިސްފައި ނެތްކަމަށް އަދި ގާނޫނުލްއުގޫބާތުގެ މައްޗަށް ތޫނު ހަތިޔާރުގެ ގާނޫނު އިސްވާތީ، ނަޒާހާގެ އަދަބަށް ލުއި ލިބެން ނެތީކަމަށް ސުޕްރީމް ކޯޓުން މައްސަލަ ނިންމިއިރު ވަނީ ފާހަގަކޮށްފަ އެވެ.

މިއާއެކު ސަމީރު ވަނީ ސުވާލުތަކެއް އުފައްދަވާފަ އެވެ. އެއީ:

  • ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަކީ، އެ ޤާނޫނު ހިންގުމުގައި ވަކި އިޖުރާއާތުތަކެއް އެކަށައެޅިފައިވާ އެ ގާނޫނަށް އަމަލު ކުރުމުގެ ފަހަށް އެގާނޫނުގައި ބުނާ އިޖުރާއާތުން ކަންކުރުމަށް އެކަށައެޅުނު ގާނޫނަކަށްވާއިރު، ނަޒާހާގެ މައްސަލައިގައި އެ އިޖުރާއާތުތައް ހިންގިފައި ނެތްއިރު އަދަބު ކަނޑައެޅުމުގައި އެ ގާނޫނަށް ބެލުން ލާޒިމްވާނެތޯ؟
  • ފަހުގެ ގާނޫނުލްއުގޫބާތުގައި، މަރުގެ މައްސަލަތަކުގައި ކުރިން ދެމުންދިޔަ ތައުޒީރީ އަދަބަށް ލުއިތަކެއް ދީ، މަރުގެ މައްސަލަތަކުގައި ދޭނެ އަދަބު ކަނޑައެޅުނު އެންމެ ފަހުގެ ގާނޫނަކީވެސް އެއީކަމަށްވާއިރު، މިއީ ގާނޫނުއަސާސީގެ 59 ވަނަ މާއްދާގައި ބުނާ ލުއި އަދަބަށް ނުވާނެތޯ؟
  • ކުރީގެ ގާނޫނުލްއުގޫބާތުގެ ދަށުން ދައުވާ ކުރެވުނު މައްސަލަތަކުގެ ތެރެއިން، މިފަހުން ސުޕްރީމް ކޯޓުން ނިންމެވި މައްސަލަތަކުގައި ތައުޒީރީ އަދަބު ކަނޑައެޅުމުގައި ފަހުގެ ގާނޫނުލްއުގޫބާތަށް ރިއާޔަތްކޮށްފައިވާއިރު، މިއުސޫލުން ނަޒާހާގެ މައްސަލަވެސް ބެލުނީސް ނޫންތޯ؟
  • މިފަދައިން ނިންމި މައްސަލަތަކަކީ ތޫނު ހަތިޔާރު ބޭނުން ނުކުރާ މައްސަލަތަކަށް ވާތީ އެ އުސޫލު ނަޒާހާގެ މައްސަލާގެ ބޭނުން ނުކުރި ނަމަވެސް ދެން އުފެއްދެވި ސުވާލަކީ މަރުގެ މައްސަލަތަކުގައި ދައުވާކުރާނެ ދެ ގާނޫނެއް ރާއްޖޭގައި އޮއްވާ، ހަމައެކަނި ތޫނު އެއްޗެއް ބޭނުންކޮށްފިނަމަ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުވާކޮށް، އެ ނޫން މަރުތަކުގައި ގާނޫނުލްއުގޫބާތުގެ ދަށުން ކުރުން އެއީ މިހާރު ދިވެހިރާއްޖޭގައި އަމަލު ކުރަމުންދާ ގޮތް ކަމުގައިވާތީ އެއީ، އަމަލު ކުރަން ޖެހޭގޮތް ކަމުގައި ބުނެވިދާނެތޯ؟
  • ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ 5 ވަނަ މާއްދާއަށް ގެނެވުނު އިސްލާހުގެ ފަހުން ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހުންގެ މެރުމުގެ މައްސަލަތަކުގައި ދައުވާކުރަނީ މި ގާނޫނުގެ ދަށުން ކަމަށް ވުމަކީ، އެ ގާނޫނުގެ ދަށުން ދައުވާއެއް އުފުލާފައިނުވާ ނަޒާހާގެ މައްޗަށް މި ގާނޫނު ބޭނުން ކުރެވިދާނެ ސަބަބެއްތޯ؟
  • ގާނޫނުލްއުގޫބާތުގެ 18 ވަނަ މާއްދާގެ (ރ) ގެ 2 ވަނަ ނަންބަރުގައި، ގާނޫނުލްއުގޫބާތުގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު އިސްކަން ދޭންވާނެކަމަށް ބުނާ ހާލަތު މިމައްސަލަ އަށް ތަތުބީގު ކުރެވިދާނެތޯ؟
މި ސުވާލުތަކުން އަހުރެންނަށް ލިބުނު ޖަވާބަކީ، މަރްޔަމް ނަޒާހާގެ މައްޗަށް ކުރިން ކަނޑައެޅުނު އުމުރަށް ޖަލަށް ލުމުގެ އަދަބު ސުޕްރީމް ކޯޓަށް ލުއިކުރެވެން އޮތްކަމެވެ. އެއީ، މިމައްސަލައިގެ ވަށައިގެންވާ ކަންކަމުގެ މައްޗަށާއި، މަރުގެ މައްސަލަތަކުގައި ޢަމަލު ކުރުމަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް މިހާރު ގެނެސްފައިވާ ބަދަލުތަކަށް ބަލާއިރު، ފެނުނު ގޮތެވެ..
ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ސަމީރު ވިދާޅުވި އެވެ

މަރްޔަމް ނަޒާހާގެ މައްޗަށް ދަޢުވާ އުފުލުނު ހާދިސާ ހިނގީ 22 ޖޫން 2010 ގަ އެވެ. މައްސަލަ ކޯޓަށް ހުށަހެޅީ 22 އޮކްޓޯބަރު 2010 ގަ އެވެ. ކްރިމިނަލް ކޯޓުން މައްސަލަ ނިންމީ 07 އޮގަސްޓް 2011 ގަ އެވެ.

އޭގެ ފަހުން ހައި ކޯޓުން މައްސަލަ ނިންމިއިރު، 6 އަހަރު ފަހުން ނަޒާހާގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ އުއްތަމަ ފަނޑިޔާރު މުއުތަސިމާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

މި މައްސަލާގައި ގިސާސް ހިފަން ބޭނުންނުވާ ކަމަށް ނަޒާހާގެ ކުރީގެ ފިރިމީހާގެ ވާރިސުން ދަށު ކޯޓުގައި ބުނުމުން ނަޒާހާ އުމުރަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ނިންމި ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ ނަޒާހާއަށް އިއްވި އަދަބުން 5 އަހަރު އުނިކޮށްދެއްވާފަ އެވެ.