40 މީހުންނާއެކު މާލެއިން ފުރައިގެން ޅ. ނައިފަރަށް ދަތުރުކުރި ބޯޓެއްގެ އިންޖީނު ހުއްޓިގެން ސިފައިން ހަރާކަތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ބޯޓުގެ އިންޖީނު ހުއްޓުނީ ކާށިދޫގެ އިރުން ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ އިންޖީނު ހުއްޓުނު އެ ބޯޓުގައި ތިބި އަންހެނުންނާއި ކުޑަކުދިން ނައިފަރަށް ގެންގޮސްދިނުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އިންޖީނު މައްސަލައަކާއި ގުޅިގެން ކާށިދޫ ކައިރިއަށް ހުއްޓުނީ "ލައިފްލައިން" ނަމަކަށް ކިޔާ ބޯޓެކެވެ.

މި ބޯޓުގައި ތިބި މީހުން ނައިފަރަށް ގެންގޮސްދިނުމުގައި ކޯސްޓްގާޑުގެ 2 ހާބަކްރާފްޓް ލޯންޗާއި ކޯސްޓްގާޑުގެ ގަލްފްކްރާފްޓް ލޯންޗެއް ހަރަކާތްތެރިވަމުން އަންނަ ކަމަށް ގައުމީ ދިފާއީ ބާރުން ބުނެ އެވެ.

މި ހާދިސާގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 8:15 ހާއިރުކަމަށް ވެސް ދިފާއީ ބާރުން ބުނެ އެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް މި ދަނޑުވަޅުގައި ކަނޑުދަތުރުފަތުރު ކުރުމަށް ސަމާލުވުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.