ބޮލީވުޑްގައި މަސައްކަތް ކުރާތާ 33 އަހަރު ފަހުން މަޝްހޫރު ތަރި ޝާހްރުކް ޚާންއަށް ފުރަތަމަ ފަހަރަށް އިންޑިއާގެ ގައުމީ އެވޯޑު ލިބިއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހު އިއުލާން ކުރެވުނު ގައުމީ އެވޯޑު ލިބޭ ފަރާތްތަކުގެ ލިސްޓުގައި ޝާހްރުކް ޚާން ހިމެނިފައިވަނީ 2023 ވަނަ އަހަރު ރިލީޒް ކުރެވުނު ފިލްމު "ޖަވާން"ގައި އޭނާ ދައްކުވައިދިން ރޯލަށެވެ.
ގައުމީ އެވޯޑަކީ އިންޑިއާގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ފަންނާނުންގެ ހުވަފެނަކަށްވާއިރު އެ އެވޯޑު ލިބުމަކީ އެ ފަންނާނުންނަށް ލިބޭ ބޮޑު ފަޚުރަކާއި ޝަރަފެކެވެ.
މީގެ ކުރިން ޝާހްރުކް ޚާންއަށް ގައުމީ އެވޯޑު ލިބޭނެ ކަމަށް އެތައް ފަހަރަކު ލަފާކުރެވުނު ނަމަވެސް އެއިން ކޮންމެ ފަހަރަކު ވެސް އޭނާއަށް ވަނީ ނާކާމިޔާބާ ކުރިމަތިލާން ޖެހިފަ އެވެ.
އެގޮތުން 2004 ވަނަ އަހަރު ރިލީޒް ކުރެވުނު "ސްވަދޭސް"އަށް ގައުމީ އެވޯޑު ލިބެންޖެހޭ ކަމަށް ހުދު ޝާހު އަމިއްލައަށް ވެސް ބުނެފައިވާއިރު އެ އަހަރު އެ އެވޯޑު ގެންދިޔައީ ސައިފް އަލީ ޚާން އެވެ.
އޭގެ ފަހުން 2007 ވަނަ އަހަރުގެ ކާމިޔާބު ފިލްމު "ޗަކް ދޭ އިންޑިއާ"އަށް އެންމެ މޮޅު ފިލްމުގެ ކެޓަގަރީއިން ގައުމީ އެވޯޑު ލިބުނު ނަމަވެސް ޝާހުއަށް އެއްވެސް އެވޯޑެއް ނުލިބެ އެވެ.