ދުނިޔޭގެ "ސިއްހީ ފެންވަރު އެންމެ ރަނގަޅު ސިޓީ"ތަކުގެ ލިސްޓުގައި މުސްލިމުންގެ ދެވަނައަށް އެންމެ މާތް ވަޒަން ކަމަށްވާ މަދީނާ ދެވަނަ ފަހަރަށް ހިމެނިއްޖެ އެވެ.
ސައޫދީ ޕްރެސް އެޖެންސީއިން ބުނެފައިވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އާއްމުކުރާ އެ ލިސްޓުގައި މަދީނާ ހިމެނިފައިވަނީ 80 ޕޮއިންޓްއާ އެކުގަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އޮތް ރަސްމިއްޔާތެއްގައި މަދީނާގެ ގަވަރުނަރު ވަލީއަހުދު ސަލްމާން ބިން ސުލްތާންއަށް ޑަބްލިއުއެޗްއޯގެ ސެޓްފިކެޓް ހަވާލު ކޮށްދެއްވީ ސައުދީ އަރަބިއާގެ ސިއްހީ ވަޒީރު ފަަހަދު އަލްޖަލެލިލް އެވެ.
މިއާއެކު މަދީނާ ވެފައިވަނީ މި ޝަރަފު ލިބުނު މެދުއިރުމަތީގެ ދެވަނައަށް އެންމެ ބޮޑު ސިޓީއަށެވެ. އެ ލިސްޓުގައި ހިމެނުނު މެދު އިރުމަތީގެ އެންމެ ބޮޑު ސިޓީއަކީ ޖިއްދާ އެވެ.
މަދީނާއާއި ޖއްދާގެ އިތުރުން ވެސް ސައޫދީ އަރަބިއާގެ ގިނަ ސިޓީތަކެއް އެ ލިސްޓުގައި ހިމެނިފައިވެ އެވެ. އޭގެ ތެރޭގައި ތާއިފް، ތަބޫކް އަދި ވެރިރަށް ރިޔާދު ވެސް ހިމެނެ އެވެ.
"ސިއްހީ ފެންވަރު އެންމެ ރަނގަޅު ސިޓީ"ތައް ހޮވުމުގައި ދުޅަހެޔޮ ސިއްހަތަކަށް ބޭނުންވާ ވަސީލަތްތައް ލިބެން ހުރުމާއި ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުތައް ގާއިމުވެފައި ހުރުމުގެ އިތުރުން ސިއްހީ ހޭލުންތެރި ކަމަށް ވެސް ރިއާޔަތް ކުރެ އެވެ.