ލޯކަލް ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރު ހަނިވާހެން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ބިލާ ދެކޮޅަށް ވީހާވެސް ގިނަ ކައުންސިލްތަކުން ތެދުވަން ޖެހޭ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބޭނުމަކީ 1 އަހަރު ދުވަހަށް ކައުންސިލްތަކުގެ މަސައްކަތް ހުއްޓުވާލާ، މާލެ ސިޓީ ކައުންސިލާއި އެހެނިހެން ސިޓީ ކައުންސިލްތަކުގެ އަތް ބަނދެލުން ކަމަށާއި، ގާނޫނުގެ ދިގު އަތުން ކައުންސިލްތަކުގެ ކަރުގައި ހިފާ ފިތާ ވަގުތީ ގޮތުން ހޭ ނައްތާލުން ކަމަށެވެ.

"ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބޭނުމަކީ ކައުންސިލްތަކުގެ އަމިއްލަ އާމުދަނީ ބޭނުންކޮށްގެންވިޔަސް ނުވަތަ ކައުންސިލުން އެހެން ބަޔަކާއި ގުޅިގެންވިޔަސް ކަމެއްކުރިޔަނުދީ ބަނދެލައި ސީދާ ފިނޭންސް މިނިސްޓްރީއާއި ލޯކަލް މިނިސްޓްރީގެ ފީކުދާނަކަށް ކައުންސިލްތައް ހެދުން،" އާޒިމް ވިދާޅުވި އެވެ.

ހަމައެއާއެކު އާޒިމް ވިދާޅުވީ މިއީ ރައްޔިތުން މި ނިޒާމަށް ފޫހިކޮށްލާ މައި ސަރުކާރަށް ބަރޯސާވާން ޖެހޭކަން ހަނދާން ކޮށްދީ މުޅި ނިޒާމު ހަރާބު ކުރުމުގެ ބޭނުމުގައި ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ.

މި އިސްލާހަކީ މިނިޒާމުގެ ނިމުމުގެ ފެށުންކަމަށްވެސް ވެދާނެކަން ފާހަގަކުރައްވަމުން އާޒިމް ވަނީ ވީހާވެސް ގިނަ ކައުންސިލަތަކުން މިކަމާއި ދެކޮޅަށް ތެދުވުމަށް ގޮވާލައްވާފަ އެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ލޯކަލް މިނިސްޓްރީން ބަލާނީ ކައުންސިލްތަކުގެ ބާރުގަދަކޮށް ނިޒާމު ރަނގަޅުކޮށް ކައުންސިލްތަކުގެ ހިންގުމަށް ފުރުސަތު ފަހިކޮށްދޭން ކަމަށްވީ ނަމަވެސް ރާއްޖޭގައި ކައުންސިލްތަކާ ބެހޭ މިނިސްޓްރީން އުޅެނީ ކައުންސިލްތަކުގައި 1 އަހަރު ދުވަހަށް ތަޅެއްލާން ކަމަށާއި، މިއީ އިހްލާސްތެރި ނިޔަތެއްގައި ގެންނަ އިސްލާހެއްނަމަ އެއްވެސް އިންތިހާބަކާއި 365 ދުވަހަށް ކައިރިވުމާއެކު އިތުރަށް އެއްވެސް ޕްރޮޖެކްޓެއް ނުހިންގައި ހުއްޓާލާ ނުވަތަ ވަޒީފާއަކަށް މީހުން ނުނަގައި ތިބެން ސަރުކާރަށް ކެރޭނެތޯ އާޒިމް ވަނީ ސުވާލު އުފައްދަވާފަ އެވެ.

"މިހާރުވެސް ކައުންސިލް އިންތިހާބާއި ދިމާކޮށް އެތައް ބަޔަކު ވަޒީފާތަކަށް ނަގަން ސަރުކާރުން އުޅެނީ ލިސްޓްތައް ހަދައިގެން އެސްއޯއީ ތަކަށް ހުށަހަޅައިގެންކަމަށް ހަބަރު ލިބޭ،" އާޒިމް ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ އެ ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރިއިރު، މި ބިލު ހުށަހެޅީ ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ހުސައިން އެވެ.

ރަށެއްގައި އަމިއްލަ ފަރާތަކުން ކުރާ ވިޔަފާރިއެއް ކައުންސިލަށް ނުކުރެވޭނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.

ކައުންސިލުން ވިޔަފާރިއެއް ކުރަން ބޭނުންވެއްޖެ ނަމަ، އެއީ ރަށުގެ ތަރައްގީއަށްޓަކައި ކޮންމެހެން ކުރަންޖެހޭ ވިޔަފާރިއަކަށްވާންޖެހޭނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. އަދި ކައުންސިލުން ފަށާ މަސައްކަތުގެ އިންވެސްޓްމަންޓް ނުވަތަ ރައުސުލްމާލު 10 މިލިއަން ރުފިޔާއަށްވުރެ ބޮޑުވެގެން ނުވާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ބިލުގައި ބަޔާން ކުރާ ހަމަތަކަށް ނުފެތޭ ވިޔަފާރިއެއް ކައުންސިލުން މިހާރު ކުރަމުންދާ ނަމަ ބިލު ފާސް ކުރާތާ ތިން މަސްދުވަސް ތެރޭގައި އެފަދަ ވިޔަފާރިއެއް ހުއްޓާލަން ޖެހޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.

ކައުންސިލުން ރަށްރަށުގެ ބިން ކުއްޔަށް ދޫކުރުމަށް ވެސް ބިލުގައި ވަނީ ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ. ބިލުގައިވާ ގޮތުން، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި އެކި ފަރާތްތަކަށް ދޫކޮށްފައިވާ އެއްވެސް ބިމަކުން ކުއްޔެއް ނުނެގޭނެ އެވެ.

ބިލުގައިވާ ގޮތުން ކައުންސިލުގެ ބޭންކު އެކައުންޓުތައް ވެސް ހިންގަންޖެހޭނީ ފައިނޭންސް މިނިސްޓްރީ އިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ. އަދި އެ މިނިސްޓްރީ އިން ބޭނުންވެއްޖެ ހާލަތެއްގައި ބޭންކު އެކައުންޓުގެ ސްޓޭޓްމަންޓެއް ދޭންޖެހެ އެވެ.

އޭގެ އިތުރުން، ކައުންސިލުތަކުގެ އުމުރުގައި ބާކީ އޮތީ އެއް އަހަރު ކަމަށްވާ ނަމަ، ދާއިމީ އަދި ކޮންޓްރެކްޓު މުވައްޒަފުން ނެގުމާއި ކައުންސިލުގެ އިހުތިސާސުގައި ހުރި ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުމާއި ޕްލޭން ނުކުރާ ތަރައްގީގެ މަޝްރޫއުތައް ފެށުމަށް ވެސް ބިލުގައި ވަނީ ހުރަސްތަކެއް ކުރިމަތިކޮށްފަ އެވެ.

ބިލުގައިވާ ގޮތުން އެފަދަ އެއްވެސް ކަމެއް ކުރެވޭނީ ފައިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަމަންޓް އޮތޯރިޓީއިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ.