ލޯކަލް ކައުންސިލް އިންތިހާބުގެ ބައެއް ވޯޓުފޮށިތައް އަލުން ގުނާ އިލެކްޝަންސްގެ މަރުކަޒަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގަތުމުން އާއްމުން ރުޅިގަދަވެ، މައިތިރިނުވުމުން ފުލުހުން ޕެޕާ ސްޕްރޭ ޖަހައިފި އެވެ.

މިއަދު މެންދުރު ޖަމާލުއްދީން ސްކޫލުގެ ކުރީގެ އިމާރާތުގައި ހުންނަ އިލެކްޝަންސް މަރުކަޒު ދޮށަށް ގިނަ އަދަދެއްގެ އާއްމުން ވަނީ ޖަމާވެފަ އެވެ. އަދި އެ ސަރަހައްދަށް އެއްވި މީހުން ފޮނުވާލަން އުޅުމުގެ ތެރޭގައި މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ.

އިންތިހާބީ މަރުކަޒުތެރެއަށް ވަން ބައެއް މީހުން ތިބީ ގައުމީ ދިދަ ވެސް ހިފައިގެންނެވެ. އެ މީހުން ތުހުމަތު ކުރާ ގޮތުގައި އެމްޑީޕީ އާއި ސަރުކާރުން އަންގައިގެން ވޯޓު ފޮށިތައް ކަނޑައިގެން އިންތިހާބު އޮޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން އިސްވެ އޮވެ ދަނީ މަސައްކަތް ކުރަމުންނެވެ.

ވޯޓު ގުނާ މަރުކަޒު ދޮށަށް ކުރީގެ ރައީސް ނަޝީދު އެތަނަށް ވަޑައިގަތުމުން އާއްމުން ރުޅިގަދަވެފައި.

އެތަނުގައި ހުންނެވީ ހުޅުމާލެ ދާއިރާގެ އިންތިހާބީ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އިންތިހާބީ މަރުކަޒަށް ދިޔައީ ބައެއް ފޮށިތަކުން އިދިކޮޅު ފަރާތްތަކުން ބޮޑު ތަފާތަކުން ކުރި ހޯދާފައި ވަނިކޮށް އެމްޑީޕީގެ ކެންޑިޑޭޓުން ފަރަގު ކުރި ކަމަށް ބުނަމުންދާތީ ކަމަށެވެ.

މިއީ އިންތިހާބު އޮޅުވާލަން އީސީން މަސައްކަތް ކުރާ ކަމުގެ އަލިގަދަ ހެއްކެއް. އަދި މި މައްސަލައިގައި ދޫ ނުދޭނަން،" އޭނާ ވިދާޅުވި އެވެ.

އިންތިހާބީ މަރުކަޒު ތެރޭގައި ހުރިހާ ސިޔާސީ ޕާޓީތަކަކާއި އަމިއްލަ ކެންޑިޑޭޓުންގެ މަންދޫބުންނާއި އޮބްޒާވަރުންނާއި މޮނިޓަރުން އެބަތިއްބެވެ.

އެތަނުގައި ތިބި ގިނަ ބަޔަކު ދަނީ ނަޝީދަށް ނުރުހުން ފާޅުކޮށް އަޑުގަދަކުރަމުންނެވެ. ނަޝީދު އެތަނަށް ވަޑައިގަތީ ސިފައިންގެ ހިމާޔަތުގަ އެވެ. ނަޝީދުގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް ވެސް އެތަނުގައި އެބަ ހުންނެވި އެވެ.

ނަޝީދު އެތަނަށް ވަޑައިގަތުމުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ބައެއް އިސް ބޭފުޅުން ވެސް ވަނީ އެތަނަށް ވަޑައިގެންފަ އެވެ.