ބާޒާރުގައި އާއްމުކޮށް ވިއްކަން ހުންނަ ގިނަ ބައެއްގެ މެދުގައި މަގުބޫލު އެނާޖީ ބުއިންތަކުން ލޭގެ ކެންސަރަށް މަގުފަހިވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ނިޔު ޔޯކްގެ ޔުނިވާސިޓީ އޮފް ރޮޗެސްޓާ މެޑިކަލް ސެންޓަރުން ހެދި އެ ދިރާސާގައި ވަނީ ލޭގެ ކެންސަރާއި އެނާޖީ ބުއިންތަކާ ހުރި ގުޅުން ތަހުލީލު ކޮށްފަ އެވެ.

އެގޮތުން އެނާޖީ ބުއިންތަކުގައި އާއްމުކޮށް ބޭނުންކުރާ އެމީނޯ އެސިޑެއް ކަމަށްވާ "ޓޯރިން"އަކީ ދިގު މުއްދަތުގައި ކެންސަރު ސެލްތައް އާލާ ކުރުވާ މާއްދާއެއް ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.

މި މާއްދާ އާއްމުކޮށް ދިވެހިން ބޭނުންކުރާ ރެޑްބުލް، އެކްއެލް އަދި މޮންސްޓާ ފަދަ އެނާޖީ ބުއިންތަކުގައި އެކުލެވިގެންވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޓޯރިންގެ ސަބަބުން ކެންސަރު ސެލްތައް އަލަށް ނުއުފެދުނު ނަމަވެސް އެ މާއްދާއަކީ ހަށިގަނޑުގައި ހުރި ކެންސަރު ސެލްތައް އިތުރަށް ދިރުވާ މާއްދާއެއް ކަމަށް ވެސް އެ ދިރާސާގައި ފާހަގަ ކޮށްފައިވެ އެވެ.

ދިރާސާގައި އިތުރަށް ބުނެފައިވަނީ ކެންސަރުގެ ނުރައްކާ އޮތް ނަމަވެސް ޓޯރިންއަކީ އިންސާނުންގެ ހިތުގެ ސިއްހަތު ރަނގަޅު ކޮށްދޭ މާއްދާއެއް ކަމަށެވެ.

އެހެން ކަމުން އެނާޖީ ބުއިންތައް ބޭނުންކުރި ނަމަވެސް މެދު މިންވަރެއްގައި އެ ބޭނުންކުރަން އެ ދިރާސާގައި އިލްތިމާސް ކޮށްފައިވެ އެވެ.