ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާންގެ ފުރަތަމަ ސީރީޒް "ދަ ބޭ****ސް އޮފް ބޮލީވުޑް"ގެ ޓީޒާ ދައްކާލައިފި އެވެ.
ނެޓްފްލިކްސްއިން އިއްޔެ ހެނދުނު އާއްމުކުރި ޓީޒާގައި އެ ސީރީޒްއިން ބެލުންތެރިންނަށް ފެނިގެންދާނެ ތަފާތު ކަންތައްތަކެއް ދައްކުވައިދީފައިވެ އެވެ.
އެގޮތުން ބޮލީވުޑްގެ ބެކްޑްރޮޕްއަކަށް އުފައްދާ އެ ސީރީޒްގައި ލޯތްބާއި ޑްރާމާގެ އިތުރުން އެކްޝަންގެ ރަހަތައް ފެނިގެންދާނެ ކަން ޓީޒާއިން އެނގިގެންދެ އެވެ.
އާރްޔަން އެންމެ ފުރަތަމަ ޑައިރެކްޓްކުރާ "ބޭ*****ސް އޮފް ބޮލީވުޑް"ގެ އިތުރު ޓީޒާއެއް މާދަމާ ނޫން އަނެއް ދުވަހު ރިލީޒްކުރާނެ ކަމަށް ވެސް ސީރީޒް އުފައްދާ ރެޑް ޗިލީސްއިން ހާމަކޮށްފައިވެ އެވެ.
އެ ސީރީޒްގައި ޝާހްރުކް ޚާންގެ ހާއްސަ ފެނިލުމެއް ފެންނާނެކަން ޔަގީން ވެފައިވާއިރު އޭނާ ވަނީ ދަރިފުޅުގެ ސީރީޒް ޕްރޮމޯޓް ކުރަން އެކްސްގައި ޕޯސްޓްތަކެއް ވެސް ކޮށްފަ އެވެ.
ޝާހްރުކް ޚާންގެ ދެ ދަރިންގެ ތެރެއިން އާރްޔަން ޑައިރެކްޝަންގެ ދާއިރާއަށް ކުރިމަތިލާއިރު އަންހެން ދަރިފުޅު ސުހާނާ ވަނީ އެކްޓިންގެ ތެރެއަށް ވަދެފަ އެވެ.