އއ. މާޅޮހުން ޒަޚަމްތަކަކާއެކު މަރުވެފައި އޮތްވައި ފެނުނު އަބްދުއްރަހްމާނު އާދަމްގެ މަރުގެ މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އަބްދުއްރަހްމާން 65އ މަރުވީ ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް މިދިޔަ މަހުގެ 13ވަނަ ދުވަހު އެވެ.

މި މައްސަލާގައި ފުލުހުން މިއަދު ބުނީ އަބްދުއްރަހުމާން އާދަމް މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި 3 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

މިކަމުގެ އިތުރު ތަފްސީލް ފަހުން ހާމަކުރާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ފުލުހުން ވަނީ އަބްދުއްރަހްމާން އާދަމްގެ އޮޓޮޕްސީ ހެދުމަށްފަހު ވަގުތީ ރިޕޯޓުން ފާހަގަވިކަންކަން ހިއްސާކޮށްފަ އެވެ. އެގޮތުން ފުލުހުން ބުނީ އޮޓޮޕްސީ ރިޕޯޓުން ދައްކާގޮތުން އަބްދުއްރަހްމާން އާދަމް މަރުވެފައި ވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށެވެ. މިކަމާ ގުޅިގެން ފުލުހުންގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވެ، ރަށަށް އަރާ ފައިބާ މީހުން މޮނީޓާ ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދިޔަ އެވެ.