ތެލަސީމިއާ ކެރިއަރުން ކައިވެނި ކުރުމުގެ ކުރިން ޕްރޮގްރާމެއް ފުރިހަމަކުރުމަށް ލާޒިމުކުރަން ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައީސް މުހައްމަދު މުއިއްޒު ތަސްދީގުނުކުރައްވައި، މިއަދު އަނބުރާ މަޖިލީހަށް ފޮނުއްވައިފި އެވެ.
މިދިޔަ ޖޫން މަހުގެ 23 ގައި ހުށަހެޅި އެ އިސްލާހު މަޖިލީހުން ފާސްވީ މި މަހުގެ ހައެއްގަ އެވެ.
ރައީސް އޮފީހުން ބުނީ، މި ބިލު އަނބުރާ މަޖިލީހަށް ފޮނުވަން ރައީސް ނިންމެވީ، ބިލަށް އިތުރު އިސްލާހުތަކެއް ގެނައުމަށް މޯލްޑިވިއަން ބްލަޑް ސާވިސަސްއާއި ތެލަސީމިއާ ކެރިއަރުންނާއި އެ ފަރާތްތަކުގެ އާއިލާތަކުން ބައެއް ހުށަހެޅުންތައް ލިބިފައި ވާތީ ކަމަށެވެ.
ރައީސް ވަނީ، ތެލަސީމިއާ ޚިދުމަތްތަކަކީ ވަށައިޖެހިފައިވާ ގައުމީ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދެވޭ ޚިދުމަތަކަށް ހެދުމަށް ޓަކައި ގާނޫނުގައި ބަޔާންކުރާ މަގުސަދުތައް ވީހާ ވެސް ފުރިހަމަ ކަމާއެކީ ހާސިލުކުރެވޭނެ ގޮތަށް އެ ބިލު މުރާޖާކުރައްވައި ބިލަށް އިސްލާހު ގެންނަވަން ނިންމަވާފައި ކަަމަށް ރައީސް އޮފީހުން ބުންޏެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން ނަމަ ތެލަސީމިއާ ކުދިން ލިބޭނެ ކަމަށް ބެލެވޭ މީހުން ކައިވެނިކުރުމުގެ ކުރިން ޕްރޮގްރާމެއްގައި ބައިވެރިވުމެއް ނޯވެ އެވެ.
ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު ހުށަހެޅުއްވި އެ ބިލަކީ 2012 ވަނަ ވަނަ އަހަރު އަމަލުކުރަން ފެށި ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނަށް ހުށަހެޅި ފުރަތަމަ އިސްލާހެވެ.
އެބިލުގައި ވާ ގޮތުން ކައިވެނިކުރަން އެދޭ ދެ މީހުން ހުއްދައަށް އެދި ކައިވެނީގެ ރަޖިސްޓްރާރަށް ހުށަހަޅަންވާނީ ތެލަސީމިއާއަށް ޓެސްޓުކުރުމަށް ފަހު އެ ޓެސްޓުގެ ނަތީޖާއާ އެކުގައި ކަމަށާއި ޓެސްޓުގެ ނަތީޖާއަށް ބަލައި އެ ދެ މީހުންނަކީ ތެލަސީމިއާ ކުދިން ލިބޭނެ މީހުންނަމަ، އެފަދަ ކައިވެންޏެއް ކޮށްދޭންވާނީ އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ ކަންކަން ފުރިހަމަވާ ޕްރޮގްރާމެއް ފުރިހަމަކުރުމަށް ފަހު ކަމަށެވެ.
އެ މަގާމުގައި ހުންނަވާ ބޭފުޅަކު ޖަވާބުދާރީވެ، މަސައްކަތްކުރަންވާނީ މިނިސްޓަރުގެ ލަފައާ އެކު ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ. ތެލެސީމިއާ ޕޭޝަންޓުންނަށް މިހާރު ދެވޭ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާގެ ވައުދުތަކުގައި ހިމެނޭ މުހިންމު ވައުދެކެވެ.
އެ ބިލަކީ ރާއްޖޭގައި ތެލަސީމިއާ އިތުރުވަމުންދާތީ އެކަން ކޮންޓްރޯލް ކުރުމަށާއި ތެލަސީމިއާއަށް ފަރުވާ ދިނުމަށް ކަނޑައަޅާ ދައުލަތުގެ އިސްވެރިޔާގެ ޝަރުތުތައް ކަނޑައެޅުމާއި ތެލަސީމިއާއާ އެކު އުޅޭ މީހުންނަށް ބޭނުންވާ ފަރުވާ ފުރިހަމަ ގޮތުގައި ދިނުމުގެ އުސޫލުތައް ކަނޑައެޅުމާއި ތެލަސީމިއާ ކުދިން ލިބިދާނެ ކަމަށް ބެލެވޭ މީހުން ކައިވެނިކުރާ މީހުންގެ ދަފްތަރެއް ތައާރަފުކޮށް ބެލެހެއްޓުމުގެ ނިޒާމެއް ތައާރަފު ކުރުމަށް ހުށަހެޅި އިސްލާހެކެވެ.