މި ސަރުކާރު އެކުލަވާލިއިރު ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރި ވީއޭއެމްގެ ކުރީގެ ރައީސް މުހައްމަދު ރިޔާޒް (ވޮލީ ރިޔާ) ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުކޮށްފި އެވެ.
ރައީސް މުއިއްޒު މުހައްމަދު ރިޔާޒް އެ މަގާމަށް އައްޔަން ކުރީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ގަ އެވެ. ރިޔާޒް އަކީ ރާއްޖޭގައި ކުޅިވަރުގެ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ބޭފުޅެކެވެ.
އޭނާ ޓްރާންސްޕޯޓަށް ބަދަލުކުރި ތާރީހެއް ސާފުނުވި ނަމަވެސް، ރައީސް އޮފީހުގެ ވެބްސައިޓުން ޔަގީން ކުރެވޭ ގޮތުގައި ރިޔާޒު ވަނީ ސްޕޯޓްސް މިނިސްޓްރީން ޓްރާންސްޕޯޓަށް ބަދަލުކޮށްފަ އެވެ.
ހަޔާތުގެ ބޮޑު ބައެއް ހޭދަކުރީ ކުޅިވަރަށް ހިދުމަތް ކުރުމުގައި ހޭދަކުރި ރިޔާޒްއަކީ އިންޑޯ ވޮލީގައި ރާއްޖޭގެ ފުރަތަމަ އިންޓަނޭޝަނަލް ރެފްރީކަމުގެ ބެޖް ހާސިލު ކުރެއްވި ރެފްރީ އެވެ. ރިޔާޒް ފަދަ ކުޅިވަރަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅަކު ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުކި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.
މިކަމާ ގުޅިގެން ސަރުކާރުން ރަސްމީކޮށް އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެ އެވެ.