އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެ ރަށު އަބްދުއްރަހުމާން އާދަމްގެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ އެ ރަށު ލިލީފެހި، މުހައްމަދު ވިސާމް އަކީ މި ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރި މުވައްޒަފެއްކަން ހާމަވެއްޖެ އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި މާޅޮހު ޔޫތު ސެންޓަރަށް މި ސަރުކާރުން އައްޔަނުކޮށްފައި ހުންނަ ޔޫތު އެސޯސިއޭޓް އަކީ ވިސާމް އެވެ. އަބްދުއްރަހުމާގެ މަރާ ގުޅިގެން އޭނާ ހައްޔަރުކޮށްފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި މާޅޮހުންނެވެ.

އޭނާގެ އިތުރުން އެ މައްސަލައިގައި ދެން ފުލުހުން ހައްޔަރު ކުރީ އއ. މާޅޮސް، ފިޔަ، އަހުމަދު އާޝިދާއި ހަމަ އެ ރަށު ފިނިވާގޭ، އަހުމަދު ފާރިސް އެވެ. އެ މީހުންގެ ތެރެއިން ފާރިސް ވެސް ފުލުހުން ހައްޔަރު ކުރީ ރޭ މާޅޮހުންނެވެ. ފާރިސްއަކީ ސްޓެލްކޯގައި ވަޒީފާ އަދާ ކުރާ މީހެކެވެ. ނަމަވެސް އާޝިދު ހައްޔަރު ކޮށްފައި ވަނީ މާލެއިންނެވެ.

މާލޭން ހައްޔަރުކުރި އާޝިދު އަކީ އަބްދުއް ރަހްމާންގެ އާއިލާއާ މައްސަލަތަކެއް މީގެ ކުރިން ޖެހިފައިވާ މީހެއް ކަމަށްވެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މީހުންގެ މެދުގައި ޖެހުނު މައްސަލަ އަކީ އާޝިދުގެ އާއިލާ މީހަކަށް އަބްދުއްރަހްމާންގެ ދަރިއަކު ދިން ފައިސާތަކެއް އަނބުރާ ދޭން ދެކޮޅު ހެދުމުން ޖެހުނު މައްސަލައެކެވެ. އެ މައްސަލަ އުފެދި ދެބަސްވުންތަކެއް ވެސް އުފެދިފައިވާއިރު، އެ އާޝިދުގެ އާއިލާ ބަޔަކަށް އަބްދުއްރަހްމާން ސިހުރު ހެދިކަމުގެ ތުހުމަތުތަކެއް ވެސް ހިމެނެ އެވެ.

އެގޮތުން އާޝިދު މަންމަ ދިރިއުޅޭ ގޭދޮށަށް ކިޔަވާފައި އަބްދުއްރަހުމާނު ފެން އަޅާ ވީޑިއޯއެއް ވެސް އެ ރަށު ބައެއް މީހުންނަށް ފެނިފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

އޭނާގެ މަރާ ގުޅިގެން ފުލުހުން އެ ރަށަށް ގޮސް ވަރަށް ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ އެވެ. އަބްދުއްރަހުމާނު ދިރިއުޅުނުގެ ކައިރީ ބޮޑު ސަރަހައްދަކާއި މޫދު ވެސް ފުލުހުން ބަލައި ފާސްކުރި އެވެ. އަދި ފޮރެންސިކް ހެކި ހޯދުމަށް ވެސް ގިނަ މަސައްކަތްތަކެއް ފުލުހުން ކުރި އެވެ.

އެގޮތުން މި ހިނގާ އޯގަސްޓު 10، ގައި ފުލުހުން ވަނީ ފަސް މީހެއްގެ ފޯނާއި އަންނައުނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ރޭ ހައްޔަރު ކުރި މީހުންގެ ފޯނާއި އަންނައުނު ވެސް ހިމެނޭ ކަމަށް ވަނީ އެނގިފަ އެވެ.