ޔަޝް ރާޖް ފިލްމްސްއަކީ ބޮލީވުޑްގައި ކާމިޔާބު ގިނަ ފިލްމުތަކެއް އުފައްދާފައިވާ ޕްރޮޑަކްޝަން ހައުސް އެކެވެ. އޭގެ ތެރޭގައި ލޯބީގެ ފިލްމުތަކާއި އެކްޝަން ޖޯންރާގެ ފިލްމުތައް ވެސް ހިމެނެ އެވެ.
އޭގެ ތެރެއިން "ސްޕައި ޔުނިވާސް"އަކީ އެ ޕްރޮޑަކްޝަން ހައުސްގެ މިހާތަނަށް އެންމެ ކާމިޔާބު ފްރެންޗައިޒް އެވެ. އެހެން ނަމަވެސް އެ ފްރެންޗައިޒުގެ ދަށުން އެންމެ ފަހުން ނެރުނު "ވޯ 2"އާއެކު އެ ރެކޯޑު ވެސް ވަނީ ގެއްލިފަ އެވެ.
އަޔާން މުކަރްޖީ ޑައިރެކްޓްކޮށް ރިތިކް ރޯޝަންއާއި އެންޓީއާރް ޖޫނިއާ މުހިއްމު ރޯލުތަކުން ފެނިގެންދާ "ވޯ 2"ރިލީޒް ކުރިތާ ހަފްތާއަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އެ ފިލްމުގެ ޚަރަދުތައް ފޫބެދޭ މިންވަރަށް ވެސް އާމްދަނީ ލިބިފައެއް ނުވެ އެވެ.
ނަތީޖާއެއްގެ ގޮތުން ޔަޝް ރާޖް ފިލްމްސްއިން "ވޯ 2"އަށް ފަންޑްކުރި ޕްރޮޑިއުސަރަކަށް ގެއްލުމުގެ ބަދަލުގައި 22 ކްރޯޑު ރުޕީސް ދޭން ޖެހިފައިވާ ކަމަށް ވެސް ބައެއް ރިޕޯޓުތައް ބުނެ އެވެ.
މި ފިލްމަކީ "ވައިއާރްއެފް ސްޕައި ޔުނިވާސް"ގެ ދަށުން ނެރުނު ފިލްމުތަކުގެ ތެރެއިން ގެއްލުންވި ހަމައެކަނި ފިލްމުކަން ފާހަގަ ކޮށްލެވެ އެވެ.
މީގެ ކުރިން އެ ފްރެންޗައިޒުގެ ދަށުން ނެރުނު ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "އޭކް ތާ ޓައިގާ"، "ވޯ" އަދި "ޕަތާން" ފަދަ ފިލްމުތައް ހިމެނެ އެވެ.