ދިވެހި ރާއްޖޭގެ ފަހުރުވެރި ގައުމީ ދުވަސް ފާހަގަ ކުރަމުން އަންނައިރު އެ ދުވަހުގެ ބަތަލު ކަމަށްވާ އުތީމު ބޮޑު ތަކުރުފާނުގެ ވާހަކައަކީ ހަމަ ކޮންމެ ދިވެއްކަށްވެސް ފަރިތަ ވާހަކަ އެކެވެ.

އެހެން ނަމަވެސް އެ ބޮޑުތަކުރުފާނުގެ ޖިހާދުގެ ވާހަކަ މުޅި ދުނިޔެއަށް ގެނެސްދިނުމަށްޓަކައި ދިވެހި ލިޔުންތެރިއަކު ވަނީ ވަރަށް ފުރިހަމަ މަސައްކަތެއް ކޮށްފަ އެވެ.

"ދަ ޓައިޑްސް އޮފް ކާއޯސް: ޕްރީލޫޑް ޓު ޑާކްނަސް"ގެ ނަމުގައި އަރަމުން އަންނަ ލިޔުންތެރިޔާ އަހުމަދު އަލީމް ލިޔަމުން އަންނަ ވާހަކަ ސިލްސިލާގެ ފުރަތަމަ ފޮތް މިހާރު ވަނީ އެމޭޒަންއަށް ދޫކޮށްލާފަ އެވެ.

އެ ފޮތުގައި ޕޯޗުގީޒުންގެ ވެރިޔާ އަނދިރި އަނދިރިންގެ ހަޔާތާއި އެ ނޫން ވެސް އެ ހާޖާނުގައި ރާއްޖެއިން ބައިވެރިވި ބައެއް މީހުންގެ ވާހަކަ ވަރަށް ތަފްސީލު ކޮށް ގެނެސްދީފައިވެ އެވެ.

އަލީމް ބުނެފައިވަނީ އެ ފޮތަށް ރަނގަޅު ރިވިއުސް ލިބެމުން އަންނަ ކަމަށާއި ކުރިއަށްހުރި ފޮތްތަކަށް ގިނަ ބަޔަކު އިންތިޒާރު ވެސް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ސިލްސިލާގެ ދެވަނަ ބައި ނެރެން މަސައްކަތް ކުރަމުން އަންނަ ކަމަށް އަލީމް ފާހަގަކުރި އެވެ.

ގައުމީ ދުވަސް ފާހަގަ ކުރަމުން އަންނައިރު ދިވެހި ޒުވާނުންގެ މިފަދަ މަސައްކަތްތައް ފާހަގަކޮށް އެ މަސައްކަތްތަކަށް ސާބަސް ދޭން ޖެހެ އެވެ.