ހުޅުމާލެގައި ވޯޓާ ތީމް ޕާކް ތަރައްގީކުރުމަށް ދޫކޮށްފައިވާ ސަރަހައްދުގައި މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުންދިޔަ ބިދޭސީއެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފި އެވެ.
މަރުވެ ވަރަށް ބޮޑަށް ކުނިވެފައި އޮތް މީހެއްގެ ހަށިގަނޑު ހުޅުމާލެއިން ފެނިގެން ރިޕޯޓްކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ.
ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ ފިރިހެނެއް ކަމަށާއި އެއީ ކާކުކަން މިހާތަނަށް ކަށަވަރު ކުރެވިފައި ނުވާ ކަމަށެވެ.
ނަމަވެސް، ތަހުގީގަށް މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން އެއީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހެއް ކަމަށް ބެލެވިދާނެ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް މީހާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު 29 އަހަރުގެ ނޭޕާލް ފިރިހެނެއް ގެއްލިގެން ހޯދަމުން ދާކަމަށް ފުލުހުން ވަނީ އިއުލާންކޮށްފަ އެވެ. އޭނާ އެންމެ ފަހުން ފެނުނީ އޭގެ އެއް ދުވަސް ކުރިން ކަމަށް އޭނާ މަސައްކަތް ކުރާ ކުންފުންޏާ ހަވާލާދީ ފުލުހުން ބުނެ އެވެ.