މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މިޑީއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު ދިރާސާކުރަން ކަމާ ގުޅުހުން ހުރި އިދާރާތަކާއި ނޫސްތައް ކޮމިޓީ އަށް ހާޒިރުކުރަން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގައި މީޑިއާ ބިލުގެ ބަހުސް ނިންމައި، ބިލު ބަލައިގަތީ ކަންބޮޑުވުން ފާޅުކޮށް، ބިލް އަނބުރާ ގެންދަން ގޮވާލަމުން ދަނިކޮށެވެ. އިއްޔެ ބިލު ފާސްކުރުމަށް ފަހު އެ ބިލާ ގުޅޭ ކޮމިޓީ މަސައްކަތް މިއަދު ވަނީ ފަށައިފަ އެވެ.
މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ނިންމީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން ޔޫތު މިނިސްޓްރީ އާއި ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތައް އެ ކޮމިޓީ އަށް ހާޒިރުކޮށް، ހިޔާލު ހޯދުމަށެވެ.
ބިލު ބަލައިގަތުމުން ނޫސްވެރިން ވަނީ ރައީސް އޮފީހާއި މުލީއާގޭ ދޮށުގައި ވެސް އިއްޔެ މުޒާހަރާކޮށްފަ އެވެ. އެ އެއްވުމުގެ ތެރެއިން ބައެއް ނޫސްވެރިން ހައްޔަރުކޮށް، ފުލުހުންގެ ވެހިކަލަށް އެރުވިޔަސް މާގިނައިރުތަކެއް ނުވެ ވަނީ ދޫކޮށްލައިފަ އެވެ. އަވަސް އަރުވާލައިގެން ބިލުގެ މަސައްކަތް ކުރަމުންގެންދާތީ ނޫސްވެރިން މިހާރު ވެސް ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
އެ މައްސަލާގައި ރޭ މީޑިއާ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ބިލްގެ ސަބަބުން މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅި، ދިވެހިރާއްޖޭގެ ނޫސްވެރިކަން އެތައް އަހަރެއް ފަހަތަށް ދިއުމުގެ ބިރު އޮތުމުންނެވެ.
އެ ބިލާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ އެކު ނޫސްވެރިން ގެންދަނީ ޕެޓިޝަނެއްގައި ވެސް ސޮއިކުރަމުންނެވެ. އޭގައި ބުނެފައި ވަނީ ބިލު ފަރުމާކޮށްފައި ވަނީ ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގާއި އެއާ ގުޅިފައިވާ އެހެން ހައްގުތައް ވަރަށް ބޮޑަށް ހަނިވާ ގޮތަށް ކަމަށެވެެ. މި ބިލާ ގުޅިގެން ނޫސްވެރިން ގޮވާލަމުން އަންނަނީ ކޮމިޓީ މަރުހަލާގައި އިސްލާހު ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ވުރެ ބިލް އެއްކޮށް ބޭރުކޮށްލުމަށެވެ.
ބިލާ ދެކޮޅު ހެދުމުގެ ގޮތުން ސީނިއާ ނޫސްވެރިން ވެސް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވާއިރު، އެ ބޭފުޅުން ވަނީ މި ބިލު އޮތް ގޮތުން ރާއްޖޭގައި މިނިވަން މީޑިއާ އެއްކޮށް ނެތިގެންދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.