މީޑިއާ ރެގިއުލޭޓްކުރާ ބިލުގެ ނަމުގައި މި ސަރުކާރުގެ ހިމާޔަތުގެ ދަށުން ބ. ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން މަޖިލީހަށް ހުށަހަޅައިފައިވާ ބިލާމެދު ނޫސްވެރިންނާއި ގައުމުގެ ކުރިއެރުމާއި ތަރައްގީ އާއި ހަމަޖެހުމަށް ލޯބިކުރާ ގިނަ ބައެއްގެ މެދުގައި ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފަ އެވެ. ޒިންމާދާރު ނޫސްވެރިކަމާއި އަބުރު ހިމާޔަތްކުރުން ފަދަ ބަސް ބަހުގެ ނިވާފަތްގަނޑަކަށް ހަދައި ފަރުމާކޮށްފައިވާ ބިލުގެ އަމާޒަކީ ސަރުކާރު ބޭނުންވާ ގޮތަކަށް ނޫސްތައް ކޮންޓްރޯލްކޮށް، ނޫސްތަކުން ފަތުރާ މައުލޫމާތު ސަރުކާރުން ބޭނުންވާ ގޮތަކަށް ބައްޓަންކުރުމެވެ.
ދުނިޔޭގެ ތާރީޚަށް ބަލާއިރު ރައީސް މުހައްމަދު މުއިއްޒު، ނޫސްވެރިންނާ ދެކޮޅަށް ތެދުވެވަޑައިގަންނެވުމަކީ ކޮންމެހެން އާ ކަމެއް ނޫނެވެ. ގައުމުތަކުގެ ވެރިންގެ ސިޔާސަތުތައް ދޯދިޔާވެ، ރައްޔިތުންގެ މެދުގައި މަގުބޫލުކަން ކެނޑި، ބަލިކަށިވާ ދަނޑިވަޅުގައި އެންމެ ފުރަތަމަ ވެސް ދިމާކޮށްލަނީ މީޑިއާތަކާ އެވެ. ނޫސްވެރިންނަށް ބިރުދައްކައިގެން ސަރުކާރު ބޭނުންވާ ގޮތަކަށް މައުލޫމާތު ފެތުރުމުގެ ސަބަބުން ސަރުކާރުން ހިންގާ ކޮރަޕްޝަނާއި ވައްކަމާއި އެނޫން ވެސް ނުރަނގަޅު އަމަލުތައް ފޮރުވެ އެވެ. އެހެންކަމުން ޚުދުމުޚުތާރު ވެރިކަމެއްގައި އެންމެ ބޮޑު ބިރުވެރިކަމަކާ ކުރިމަތިލާން ޖެހޭ ބަޔަކީ ނޫސްވެރިންނެވެ.
ނޫސްވެރިން ހާމަކުރާ ހަގީގީ މައުލޫމާތުގެ ސަބަބުން ސަރުކާރަށް ހަމަ ނޭވާ ނުލެވުމުގެ ސަބަބުން ނޫސްވެރިންނާ ދެކޮޅަށް ނިކުތުން ތާރީޚުގެ ތެރެއިން ވަރަށް ސާފު ކޮށް ފެންނަން އޮވެ އެވެ.
ނާޒީ ޖަރުމަން (1933-1945)
ނާޒީންގެ ވެރިކަމުގައި ޖަރުމަނުގައި ނޫސްވެރިކަމަކީ ސަރުކާރުގެ މިނިސްޓްރީއަކުން ކޮންޓްރޯލްކުރާ އެއްޗެކެވެ. ސަރުކާރުން ބޭނުން ނުވާ ވާހައެއް އެއްވެސް ނޫހެއްގައި ނުލިޔެވޭނެ އެވެ. ރޭޑިޔޯއިންނާއި ޓީވީ އިން ވެސް ފޮނުވޭނީ ސަރުކާރުން ކޮންޓްރޯލްކޮށް ސެންސަރު ކޮށްފައިވާ މައުލޫމާތުތަކެވެ. ނަތީޖާއެއްގެ ގޮތުން ތެދަކީ ހަމައެކަނި ސަރުކާރުން ތެދުކަމުގައި ހާމަކުރާ އެއްޗެއްކަމުގައިވެ ނިމުނެވެ.
ސޯވިއެޓް ޔުނިއަން
ޖޯސެފް ސްޓާލިންގެ އަނިޔާވެރި ވެރިކަމުގައި ނޫސްވެރިން ލިޔަން ޖެހެނީ ކޮމިއުނިސްޓް ޕާޓީއަށް ތާއީދުކޮށްފަ އެވެ. އެނޫން ގޮތަކަށް ލިޔެފިނަމަ އެމީހަކަށް ބޮޑެތި އަދަބު ލިބެ އެވެ. ބައެއްފަހަރު އަނިޔާވެރި ގޮތްގޮތަށް މަރާލަ އެވެ. ނަތީޖާއެއްގެ ގޮތުން މުޅި މީޑިއާގައި ފެތުރުނީ ކޮމިއުނިޒަމްގެ މޮޅު ވާހަކައާއި ވެރިންގެ ހައިބަތުގެ ވަހަކަ އެވެ. މުޅި އާބާދީއަށް ވިސްނުނީ ވެސް އެގޮތަށެވެ.
ސައޫދީ އަރަބިއާ (2018)
ތުރުކީގައި ހުރި ސައޫދީ އެމްބަސީ ތެރޭގައި ނޫސްވެރިޔާ ޖަމާލު ޚަޝޯގްޖީ އަނިޔާވެރި މަރަކުން މަރައިލުމަށްފަހު ކުދިކޮށް ކޮށައިގެން ގޯންޏަކަށް ލައިގެން ގޮސް އުކާލި ހާދިސާއަކީ ނޫސްވެރިންނަށް ދިން ވަރުގަދަ އިންޒާރެކެވެ. އެ މަރުން ދެވުނު މެސެޖަކީ ބޭރު ގައުމެއްގައި އުޅުނުކަމުގައި ވިޔަސް ސަރުކާރުގެ ބަލިފައި ހާމަކޮށް ލިޔާނަމަ ސަލާމަތެއް ނޯންނާނެކަމެވެ.
ޔުނައިޓެޑް ސްޓޭޓްސް (1970 ގައި އަހަރުތަކުގައި)
ވޮޝިންޓަން ޕޯސްޓުގެ ތަހުގީގީ ނޫސްވެރިން ރައީސް ރިޗަޑް ނިކްސަންގެ ވޯޓަގޭޓް މައްސަލަ ފަޅާ އަރުވާލި އެވެ. އެ ރިޕޯޓުތަކާ ގުޅިގެން ހިނގައިދިޔަ ތަހުގީގުތަކުގެ ނަތީޖާއެއްގެ ގޮތުން ރައީސް ނިކްސަން އިސްތިޣުފާ ދެއްވަން ޖެހިވަޑައިގެންނެވި އެވެ. އެހެން ނަމަވެސް ނޫސްވެރިންނަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނެވެ.
މަތީގައިވާ މިސާލުތަކުގައި ވަގުތާއި ތަނާއި ހާލަތުގެ ގޮތުން ތަފާތެއް ހުރި ކަމުގައި ވިޔަސް ބަދަލުނުވާ ހަގީގަތަކީ ތެދު ހާމަވުމުން ސަރުކާރަށް ނުތަނަވަސްކަން އަންނަ ނަމަ ނޫސްވެރިން ބިރުވެރިކަމަށް ހުށަހެޅޭކަމެވެ. ސަރުކާރުގެ ދަގަނޑު އަތް އެމީހުންނާ ދިމާޔަށް ދާ ކަމެވެ.
ނޫސްވެރިން ދެކެ ސަރުކާރުތަކުން ބިރުގަންނަ ސަބަބަކީ ނޫސްވެރިންނަކީ ސަރުކާރުން ހިންގާ ކަންތައްތަކުގެ ދެފުށް ރައްޔިތުންނަށް ހާމަކޮށްދޭ ބަޔަކަށް ވާތީ އެވެ. ނޫސްވެރިން ބިރަކަށް ވަނީ ސަރުކާރުގެ ދޯދިޔާކަމުގެ ސަބަބުން ރައްޔިތުންނަށް ފޮރުވަން ބޭނުންވާ ކަންތައް ހޯދައި، ނޫސްވެރިން އާންމު ކުރާތީ އެވެ. ސަރުކާރުން ހިފަހައްޓަން ބޭނުންވަނީ ވައްކަމާއި ކޮރަޕްޝަނާއި ދޯދިޔާ ހިންގުމުގެ ސަބަބުން ލިބޭ ގެއްލުންތަކެވެ. އެކަންތައް ރައްޔިތުންނަށް އެނގެން ޖެހެ އެވެ. ސަރުކާރުން ބިރު ގަނަނަނީ ނޫސްވެރިން އެވާހަކަ ލިޔާތީ އެވެ.