މީޑިއާތައް ކޮންޓްރޯލްކުރަން މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ދެކޮޅަށް ވަކާލާތު ކުރި ނޫސްތަކަށް ދެމުން އަންނަ ސްޕޮންސާތައް ކަނޑާލަން ރައީސް އޮފީހުން ސަރުކާރުގެ ކުންފުނިތަކަށް އަންގައިފި އެވެ.
ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ގިނަ މީޑިއާތަކުން އެ ބިލާ ދެކޮޅު ހެދުމުން ރައީސް މުހައްމަދު މުއިއްޒުގެ ވަރަށް ބޮޑު ހިތްހަމަނުޖެހުމެއް އެބައޮތް ކަމަށެވެ.
ސްޕޮންސާތައް ކަނޑާލުމުގެ ބޭނުމަކީ އެ މީޑިއާތައް އިނދަޖައްސާލައި ސަރުކާރާ ދެކޮޅު މީޑިއާތައް މަދުކުރުން ނުވަތަ ހުއްޓުވުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"މިހާރު ހުރިހާ އެސްއޯއީތަކަށް ރައީސް އޮފީހުން ވާނީ އަންގާފައި މީޑިއާ ބިލާ ދެކޮޅު ހެދި ނޫސްތަކަށް ދޭ ސްޕޮންސާތައް ކަނޑާލަން،" އޮފިޝަލް ވިދާޅުވި އެވެ.
މީޑިއާ ކޮންޓްރޯލް ކުރާ ބިލް ކަމުނުދާ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލުން ވެސް ވަނީ މަޖިލީހުގެ ކޮމިޓީގައި ބުނެފައެވެ. އަދި މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރި 22 މީޑިއާއަކުން ވެސް ވަނީ އެ ބިލް އަނބުރާ ގެންދަން ކޮމިޓީގެ މެންބަރުންގެ ކިބައިން އެދިފަ އެވެ.
ހިއުމަންރައިޓްސް ކޮމިޝަނުން ވެސް އެ ބިލާ ދެކޮޅުކަން ހާމަކޮށް ވަނީ ބަޔާނެއް ނެރެފަ އެވެ. މި ހުރިހާ ފަރާތްތަކުން އެ ބިލް ކަމުނުދާ ކަމަށް ބުނަމުން އަންނައިރު، ދައުލަތުގެ ބަންޑާރަނައިބު އަންނަނީ އެ ބިލް ދިފާއު ކުރައްވަމުންނެވެ.