ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުން ފިޔަވާ އެހެން ހުރިހާ މެންބަރުންގެ މާލީ ބަޔާންތައް އެ އިދާރާއިން އާއްމުކޮށްފި އެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މެންބަރުން ހުވައިކުރާތާ އެއް އަހަރު ދުވަސް ފުރިހަމަވުމުން މާލީ ބަޔާން ހާމަކުރަންޖެހޭނެ އެވެ. އެހެންވެ، މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭނީ މޭ މަހުގެ 28 ވަނަ ދުވަހަށް އެއް އަހަރު ފުރުމުން، މި މަހުގެ 31 ވަނަ ދުވަހުގެ ކުރިންނެވެ.
މަޖިލީހުގެ ރަސްމީ ވެބްސައިޓުން މިހާރު ގިނަ މެންބަރުންގެ މާލީ ބަޔާންތައް ފެންނަން ހުރި އިރު، 12 މެމްބަރެއްގެ މާލީ ބަޔާން އަދި ހާމައެއް ނުކުރެ އެވެ. މާލީ ބަޔާން ހާމަ ނުކުރާ 12 މެންބަރުން:
- ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރު
- ކިނބިދޫ ދާއިރާގެ މެންބަރު ޢަލީ އަޝްރަގު
- ނައިފަރު ދާއިރާގެ މެންބަރު ޔާސީން އަބްދުﷲ
- ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބު
- ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
- ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް
- ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު
- ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު
- މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާ އިބްރާހީމް
- މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
- މައްޗަންގޮޅިީ މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު
- ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް
މި މަޖިލީހުން ވަނީ މެންބަރުން ހުވާކުރައްވާތާ ތިން މަސް ތެރޭގައި މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށް ވެސް ފާސްކޮށްފަ އެވެ.
މިހާރުގެ އުސޫލުގައި، މާލީ ބަޔާނުގައި އަނބިންނާއި ފިރިން އަދި 18 އަހަރު ނުފުރޭ ދަރީން ވެސް ހިމެނޭ ގޮތަށް ފުރިހަމަ ކުރަންޖެހޭ މައުލޫމާތުތަކެއް ހުރެ އެވެ.
ރާއްޖެއާއި ރާއްޖޭން ބޭރުގައި ހުރި މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކުގެ މައުލޫމާތާއި އަރަންޏާއި ދަރަނީގެ ހިސާބުތަކާއި އެހެން ވަޒީފާއެއް އަދާ ކުރާނަމަ، އެ ވަޒީފާގެ ޒިންމާތައްް ހިމެނެ އެވެ.
އެ ގަވާއިދުގައި ވާގޮތުން މާލީ ބަޔާން ހުށަހަޅަން ޖެހެނީ ކޮންމެ މީލާދީ އަހަރެއްގެ ވެސް އޮގަސްޓު މަހުގެ 31ގެ ކުރިންނެވެ.