ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ވީއައިޕީ ހިދުމަތަށް ރައްޔިތުންގެ މަޖިލީހުން މަޖިލީހުން 1.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އެންމެ ގިނައިން އެ ހިދުމަތް ބޭނުންކޮށްފައި ވަނީ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމްކަން ހާމަވެއްޖެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އާންމު މީހަކު ހޯދަން ހުށަހެޅި ސުވާލަކަށް ރައްޔިތުންގެ މަޖިލީހުން ދިން ޖަވާބުގައި ބުނެފައި ވަނީ އެއާޕޯޓްގެ ވީއައިޕީ ހިދުމަތް މަޖިލީހުގެ ނައިބު ރައީސް ނާޒިމް 133 ފަހަރު ހޯދާފައިވާ ކަމަށެވެ. ނާޒިމް ހޯދި ހިދުމަތްތަކަށް އެކަނި ވެސް 116099ރ. މަޖިލީހުން ހަރަދުކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ މެއި 28 އިން މި އަހަރުގެ ޖުލައި 31، އާ ހަމައަށް 76 މަޖިލިސް މެންބަރަކު އެއާޕޯޓުގެ ވީއައިޕީ ހިދުމަތްތައް ބޭނުން ކޮށްފައިވާ ކަމަށް ވެސް އެ ޖަވާބާއެކު ހިއްސާކުރި މައުލޫމާތުގައިވެ އެވެ.

ދެވަނައަށް އެންމެ ގިނައިން ވީއައިޕީ ހިދުމަތް ބޭނުން ކޮށްފައި ވަނީ ފޭދޫ ދާއިރާގެ މެންބަރު، އިބްރާހިމް ދީދީ އެވެ. އޭނާ 97 ފަހަރު ހޯދީ ވީއައިޕީ ހިދުމަތްތަކަށް 84673ރ. މަޖިލީހުން ހަރަދުކޮށްފައިވެ އެވެ.