ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާތީ ހިމާޔަތްކޮށްފައިވާ ހަނިފަރު ބޭއަށް ގެއްލުވާނެހެން އެ ސަރަހައްދާ އެންމެ ކައިރިން އޮންނަ ބ. ދޮންފަނުގެ ބިން ހިއްކުމަށް ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ނިންމާފައިވާ މަޝްރޫއު ހުއްޓާލުމަށް ގޮވާލައި އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
މިދިޔަ އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ދޮންފަނަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ދޮންފަނަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލު ކުރުމަށް އެ ރަށުން 13 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ކުރިއަށްގެންދާނެ ކަމަށެވެ. އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ ރައީސް މުއިއްޒު ދޮންފަނަށް ކުރެއްވި ދަތުރުފުޅުގަ އެވެ.
އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ރެޒިލިއެންސް މޯލްޑިވްސް އިން މީގެ ދެ ދުވަސް ކުރިން ހުޅުވާލި އޮންލައިން ޕެޓިޝަންގައި މިހާތަނަށް 3،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވެ އެވެ.
އެ ޕެޓިޝަންގައި ފާހަގަކޮށްފައިވާގޮތުގައި ދޮންފަނު ބިން ހިއްކުުމުގެ މަޝްރޫއުގެ ސަބަބުން ހަނިފަރު ބޭ އޭގެ އަސްލު ސިފައިގައި ދެމި އޮތުމާމެދު ސުވާލު އުފެދިފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ތިމާވެށީގެ އިތުރުން އެ ސަރަހައްދުގެ އިގުތިސާދަށާއި ދިވެހި ސަގާފަތަށް ވެސް އަސަރުކުރާނެ ކަމަށް ޕެޓިޝަނުގައި ބުނެފައިވެއެވެ.
ހަނިފަރު ބޭ ގައި ހިމެނޭ 529 ހެކްޓަރުގެ ސަރަހައްދެއް 2011 ވަނަ އަހަރު ވަނީ ހިމާޔަތްކޮށްފަ އެވެ. ހަނިފަރު ސަރަހައްދަށް ފީނަން 20 ޑޮލަރުގެ ފީއެއް ދައްކަން ޖެހެ އެވެ. ނަމަވެސް، ފުޅި އަޅައިގެން އެ ތަނަށް ފީނުން ވަނީ މަނާކޮށްފަ އެވެ.
ހަނިފަރަަށް ގެއްލުންވާނެހެން ދޮންފަނުގެ ބިން ހިއްކަން ރައީސް މުއިއްޒު ނިންމެވީ ކުރިއަށް އޮތް ފަސް އަހަރަށް އެ ސަރަހައްދު ހިމާޔަތް ކުރުމުގެ ޕްލޭނެއް އެކުލަވާލައި އެންވަރަމަންޓު މިނިސްޓްރީން އާންމުކޮށްފައި ވަނިކޮށެވެ.