ގައުމު ވީދައި، ކައި ހުސްކުރަން މިހާރު ވެރިކަން ކުރަން ތިބި މީހުންނަށް ފުރުސަތު ދީގެން ތިބެވެން ނެތް ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕާޓީ އެމްޑީޕީން އިންތިޒާމް ކޮށްގެން ހުޅުމާލޭގައި ބޭއްވި ޕިކަޕް ޖަލްސާގައި ވާހަކަދައްވަމުން މައުރޫފް ވިދާޅުވީ މި ސަރުކާރުން ވެރިކަން ފެށުނީއްސުރެ ދަނީ ރައްޔިތުންނަށް އޮޅުވާލައި، ދޮގުހަދަމުން ކަމަށެވެ. އަދި ދިވެހިންނަކީ ވެރިކަމުގައި ތިބޭ ބަޔަކު ބޭނުން ގޮތަކަށް ކަންކަން ކުރަން ދޫކޮށްލައިގެން ތިބޭނެ ބައެއް ނޫން ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މައުރޫފް އިތުރަށް ވިދާޅުވި ގޮތުގައި، މި ސަރުކާރުން ވަނީ ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ޖައްސާފަ އެވެ. އަދި ވެރިކަން ހިންގަން އެނގޭނެ ކަމަށް ބުނެ އައި ބަޔަކު މިހާރު ދަނީ ރައްޔިތުން ބިކަކުރަމުން ކަމަށް އޭނާ ބުންޏެވެ. އަދި މުޅި ނިޒާމް ފުނޑާލަމުން ގެންދާތީ މި ކަންކަމާ ދެކޮޅަށް އަޑުއުފުލުމަށްޓަކައި 3 އޮކްޓޯބަރުގައި އެމްޑީޕީން ހަރަކާތެއް ރާވާފައިވާ ކަމަށާއި އެ ހަރަކާތުގައި ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް މައުރޫފް އެދިލެއްވި އެވެ.
"ރައްޔިތުންގެ މާލިއްޔާ ލޫޓުވާން ނުކުތުމުން އެކަމާ ޖަވާބުދާރީކުރުވުމަކީ ރައްޔިތުންގެ މައްޗަށް އޮތް ޒިންމާއެއް. އަޅުގަނޑުމެންނާ ބައިވެރިވީމަ ރައްޔިތުންނަށް ވިސްނޭނެ ސަރުކާރާމެދު އާންމުން މާޔޫސްވެއްޖެކަން. ރައްޔިތުން މި ސަރުކާރާއެކީ ކުރިއަށް ދާން ބޭނުން ނުވާކަން،" މައުރޫފް ވިދާޅުވި އެވެ.
"ލޫޓުވައިފި ލޫޓުވައިފި" މި ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު ހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އޭނާ ތަކުރާރުކޮށް ގޮވާލެއްވި އެވެ.
މި ޕިކަޕް ޖަލްސާގައި އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ އަދި ކުރީގެ މެންބަރުންނާއި، ގައުމީ މަޖިލީހުގެ މެންބަރުންނާއި، އަދި ޕާޓީގެ އާންމު މެންބަރުން ވަނީ ބައިވެރިވެފަ އެވެ.