ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ސްޓާ ޕްލަސްގެ މަޝްހޫރު ސީރީޒް "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ"ގެ އެކްޓަރު އަޝިޝް ކަޕޫރު ހައްޔަރު ކޮށްފި އެވެ.
އިންޑިއާގެ ހަބަރުތައް ބުނާ ގޮތުގައި އަޝިޝް ހައްޔަރު ކުރެވުނީ އެ ގައުމުގެ ފުލުހުންނަށް ހުށައެޅުނު ގޭންގް ރޭޕްގެ ޝަކުވާއަކާ ގުޅިގެން މި ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު ޕޫނޭއިންނެވެ.
އެ މައްސަލައިގައި ބުނެފައިވަނީ އޮގަސްޓް މަހުގެ ކުރީކޮޅު އަޝިޝް ވެސް ބައިވެރި ޕާޓީއެއްގައި އަންހެނެއްގެ ބުއިމަށް ޑްރަގް އެއްކޮށް އޭނާގެ ހޭވެރިކަން ކަނޑުވާލައި ގިނަ ބަޔަކު އެއްވެގެން އޭނާ ގޭންގް ރޭޕް ކޮށްފައިވާ ކަމަށެވެ.
މައްސަލަ ހުށައެޅި ފަރާތުން އެންމެ ފުރަތަމަ އަޝިޝްގެ އިތުރުން އެހެން ބައެއްގެ ނަން ހުށައެޅި ނަމަވެސް ފަހުން އޭނާ ވަނީ އޭނާގެ ބަޔާން ބަދަލުކޮށް ހަމައެކަނި އަޝިޝްއަށް ތުހުމަތު ކޮށްފަ އެވެ.
މި މައްސަލާގައި އަޝިޝްގެ ބަންދަށް 14 ދުވަސް ޖަހާފައިވާއިރު އޭނާގެ ވަކީލުން ވަނީ އެ ނިންމުން ބަދަލު ކުރުމަށް މައްސަލަ އިސްތިއުނާފް ކޮށްފަ އެވެ.
އަޝިޝްއަކީ 2011 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރަށް "ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ"ގެ ނިއްކިލް ޑިއޯރާގެ ރޯލުން ފެނިގެންދިޔަ އެކްޓަރެވެ.