އިނގިރޭސި ޝާހީ އާއިލާއަކީ މުޅި ދުނިޔޭގެ ސަމާލުކަން އެބައެއްގެ މައްޗަށް އެންމެ ބޮޑަށް ހުއްޓިފައި އޮންނަ އާއިލާ އެކެވެ. އެ އާއިލާގެ ހުރިހާ ކަމަކީ ވެސް ވަރަށް ބޮޑު އާދަކާދަތަކަކާއި ރަސްމިއްޔާތުތަކަކާ އެކު ހިނގަމުން އަންނަ ކަންތައްތަކެކެވެ. އެހެންކަމުން އިނގިރޭސި ރާނީ އަވަހާރަވުމުން ކަންތައް ވެގެންދާނެ ގޮތް ވެސް އޮންނަނީ ކުރިއާލައި ޕްލޭން ކުރެވިފަ އެވެ. ތިރީގައި މިވަނީ ކުއީން އެލިޒަބަތު ދެވަނަ އަވަހާރަ ވެއްޖެނަމަ ކަންތައް ކުރަން ހަމަ ޖެހިފައިވަ ގޮތެވެ.

އިނގިރޭސި ނޫހެއް ކަމަށްވާ ގާޑިއަންގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އަވަހާރަވުމުގެ ކުރިން ގާތް މީހުންނާ ސަލާންކޮށް އަލްވަދާއު ވިދާޅުވުމުގެ ފުރުސަތު ރާނީއަށް އެރުވޭނެ އެވެ. 2002 ވަނަ އަހަރު ކުއީންގެ މަންމަ ދުނިޔެއާ ވަކިވެ ދިޔުމުގެ ކުރިން އެންމެ ގާތް މީހުނަށް ވަދާއުގެ ސަލާން ކުރެއްވީ ފޯނުންނެވެ. ކުރިން ބަލިވެ އޮންނަވައި މަޑުމަޑުން އަވަހާރަވަމުން ދާނަމަ "ކުއީން މަޑުމަޑުން އަވަހާރަވުމާ ހަމަޔަށް ދަތުރުކުރައްވަނީ" ކަމަށް ބަކިންހަމް ޕެލަސްއިން އާންމު ކޮށް އިއުލާން ކުރާނެ އެވެ. 1952 ވަނަ އަހަރު ކުއީންގެ ބައްޕާފުޅު ކިންގް އެޑްވަޑް އަވަހާރަވެވަޑައިގަތުމުގެ އެއް ދުވަސް ކުރިން ބަކިންހަމް ޕެލަސް އިން އެފަދަ އިއުލާނެއް ކުރި އެވެ. އެ ލިއުމުގައި އޮތީ ރަސްގެފާނު މަޑުމަޑުން އަވަހާރަ ވުމާ ގާތްވަނީ ކަމަށެވެ.

ކުއީން އަވަހާރަ ވާ ދުވަހު ކަންތައް ވާނީ ކިހިނެއް؟

ކުއީން އަވަހާރަވާހިނދު އެކަމުގެ ހުރިހާ ކަމަކާ ހަވާލުވެގެން ހުނަނަވާނީ ކުއީންގެ ޚާއްސަ ޑޮކްޓަރު ޕްރޮފެސަރު ވޫ ތޯމަސް އެވެ. ކުއީންގެ ހަށިގަނޑު ފެންނާނެ މީހުނާއި ކޮޓަރިކޮޅަށް އެވަގުތު ވަދެ ނިކުމެ ވާނެ މީހުން ކަނޑަ އެޅުމާއި އެ ޚަބަރު އާންމު ކުރާނެ އިރެއް ނިންމުމުގެ ބާރު އޮންނާނީ އޭނާ އަށެވެ.

ކުއީން އަވަހާރަވުމުން އެންމެ ފުރަތަމަ އެ ޚަބަރު އެރުވޭނީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށެވެ. މިކަން ކުރައްވާނީ ރާނީގެ ޕްރައިވެޓް ސެކެރެޓެރީ އެވެ. ގަނޑުވަރު އެޚަބަރަށް ރަނގަޅަށް ތައްޔާރުވުމުގެ ކުރިން އާންމުންނާ ހަމަޔަށް ފެތުރިދާނެތީ އޭނާ ބޭނުން ކުރާނީ ކޯޑް ވޯޑެކެވެ. ގަނޑުވަރުގެ ލޭންޑް ލައިނަކުން ބޮޑުވަޒީރަށް ގުޅާފައި ހަމަ އެކަނި ދަންނަވާނީ "ލަންޑަން ބްރިޖް އިޒް ޑައުން" އެވެ. 1952 ވަނަ އަހަރު ކުއީންގެ ބައްޕަ އަވަހާރަވުން އިއުލާން ކުރުމަށް ބޭނުން ކުރި ކޯޑަކީ "ހައިޑް ޕާކް ކޯނާ" އެވެ.

އެހިސާބުން ކުއީން ހެޑް އޮފް ސްޓޭޓްކަން ކުރައްވާ ފަނަރަ ގައުމާއި ކޮމަންވެލްތުގެ އެންމެ އިސް ވެރިންނަށް ފޮރިން އޮފީސް މެދުވެރިކޮށް އެންގޭނެ އެވެ.

ކުއީން އަވަހާރަވިކަން އާންމުންނަށް އެނގޭނީ ކިހިނެތް؟

މަތީގައިވާ ހުރިހާ ކަމެއް ހިނަގމުންދާއިރު ވެސް އިނގިރޭސި ވިލާތުގެ އާންމުންށް ކުއީން އަވަހާރަވި ކަމެއް ނޭނގޭނެ އެވެ. މިޚަބަރު ފުރަތަމަ ފުރަތަމަ ފޮނުވާނީ ބަކިންހަމް ޕެލަސްގެ ސްޓޭޓްމެންޓެއްގެ ގޮތުގައި ޕްރެސް އެސޯސިއޭޝަނަށެވެ. އެވަގުތު ޕެލަސް އިން ކަޅުހެދުމެއްގައި ނުކުންނަ މީހަކު ކަޅުކުލައިގެ ލިއުމެއް ޕެލަސްގެ ގޭޓުގައި ތަތް ކުރާނެ އެވެ. އެއާއެކު ޕެލަސްގެ ވެބްސައިޓު ވެސް އެއްކޮށް ކަޅުކުލަ އަށް ބަދަލު ވާނެ އެވެ.

އެހިސާބުން ގަނޑުވަރުގެ ރަސްމީ ބަޔާން ޓީވީތަކުންނާއި ނޫސްތަކުން އިއުލާން ކުރަންފަށާނެ އެވެ.

ބީބީސީގެ އާންމު ޕްރޮގްރާމްތައް ހުއްޓާލައި، ކްއީންގެ އަވަހާރަވުމުގެ ޚަބަރަށް ޚާއްސަ ވާނެ އެވެ. ބީބީސީގެ ޓީވީން ފެންނަ އެންމެންގެ ހެދުން ވެސް ހުންނާނީ ކަޅު ކުލައިންނެވެ. އޭގެ އިތުރުން އިނގިރޭސި ދިދަ ބައިދަނޑިއަށް ތިރި ވާނެ އެވެ.

ރާނީ އަވަހާރަވާ ދުވަހުން ފެށިގެން ކަންތައް ހިނގާނެ ގޮތް

ކްއީން އަވަހާރަވުމުން 12 ދުވަސް ވަންދެން އޮންނާނީ ވެސްޓްމިންސްޓާ ހޯލްގަ އެވެ. އިނގިރޭސި ވިލާތަށް މި ބާރަ ދުވަހަކީ ރަސްމީ ހިތާމައިގެ ބާރަ ދުވަހެވެ. މި ދުވަސްތަކުގައި ދުވާލަކު 23 ގަޑިއިރު ވެސްޓްމިންސްޓާ ހޯލް ހުޅުވައިފައި ހުންނާ އެވެ.

އާންމުންނަށް ރާނީގެ މޫނު ދުށުމުގެ ފުރުސަތު އެވަގުތު އޮންނާނީ ހުޅުވައިލެވިފަ އެވެ. ކްއީންގެ ޖަނާޒާ ރަސްމީ އިއްޒަތުގައި އޮންނާނީ ވެސްޓްމިންސްޓާ އަބޭގަ އެވެ.

ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންނާއި އިއްޒަތްތެރިން ޖަނާޒާގައި ބައިވެރި ވާނެ އެވެ. މުޅި ޖަނާޒާ ޓިވީ އިން ވަގުތުން ދައްކާނެ އެވެ. ކްއީންގެ ސަންދޯއް އަސްގާޑިޔާ ކޮޅެއްގައި ބަކިންހަމް ޕެލަސް އިން ވެސްޓްމިންސްޓާ އަބޭއަށް ގެންދާއިރު އާންމުން ތިބެންވާނީ މަގުގެ ދެފަރާތުގައި ދެސަފަށް އެތުރިގެންނެވެ. ކްއީން ވަޅުލާނެ ތަނަކާ ބެހޭގޮތުން އެންމެފަހުގެ ނިންމުން އަދި އެހާ ސާފެއް ނޫނެވެ. ސަންޑަރިންގްހަމް ބަލްމޯރަލް އާއި ސެއިންޓް ޖޯޖްސް ޗެޕަލް އާއި ދެތަނުގެ ނަން ވެސް ޕްލޭނިން ޑޮކިއުމެންޓުގައިވެ އެވެ.

ޗާލްސް އަށް ރަސްކަން ލިބޭނީ ކޮން އިރަކުން؟

ކުއީން އަވަހާރަވާ ވަގުތުން ފެށިގެން ޗާލްސް ރަސްކަލަކަށް ބަދަލު ވާނެ އެވެ. އެހިސާބުން ޗާލްސްގެ އެއްބަނޑު އެއްބަފާ އެންމެން އޭނާގެ އަތުގައި ބޮސްދޭން ޖެހޭނެ އެވެ.

ހުވައި ކުރުމުގެ ރަސްމިއަޔާތު އޮންނާނީ ތިންމަސް ފަހުންނެވެ. ޗާލްސްގެ ނަން ކިންގް ޗާލްސް އަށް ބަދަލުވާނެ އެވެ. ކެމީލާގެ ނަމުގެ ކުރިއަށް ކުއީން އަންނާނެ އެވެ.

ރާނީ އަވަހާރަވުމަށްފަހު އިނގިރޭސި ގައުމީ ސަލާމުގެ އިބާރާތް ބަދަލު ވާނެ އެވެ. ޕޯސްޓު އޮފީހުގެ ސްޓޭމްޕްތަކާއި އިނގިރޭސި ފައިސާގެ ނޫޓު ކަމަށްވާ ޕައުންޑް އަލުން ޗާޕް ކުރަން ޖެހޭނެ އެވެ.

ދުނިޔޭގެ އެންމެ ގިނަ ދުވަހު ތަޚުތުގައި އިންނެވުމުގެ ޝަރަފު ލިބިފައިވާ ކްއީން އެލިޒަބަތުގެ ޖަނާޒާ ވެގެންދާނީ ދުނިޔޭގައި ބޭއްވޭ އެފަދަ އެއްމެ ބޮޑު ކުލަ ގަދަ ރަސްމިއްޔާތު ކަމަށެވެ.