އިޒްރޭލުން ގަތަރުގެ ވެރިރަށް ދޯހާއަށް ހަމަލާތަކެއް ދީފި އެވެ.

އިޒްރޭލުން މިއަދު ހަވީރު ގަތަރަށް ދިން ހަމަލާ އަމާޒުކޮށްފައިވަނީ ހަމާސްގެ ވެރިން ދިރިއުޅޭ އިމާރާތްތަކަކަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ގަތަރުން މި ހަމަލާ ކުށްވެރިކޮށް ނެރުނު ބަޔާނުގައި ބުނީ އިޒްރޭލުން ހަމަލާދިނީ އާއްމުން ދިރިއުޅޭ އިމާރާތްތަކަކަށް ކަމަށެވެ. އަދި އެ ސަރަހައްދުގައި ގައުމުތަކުގެ އެމްބަސީތަކެއްވެސް ހުރެ އެވެ. ގަތަރުން ބުނީ އިޒްރޭލުން ސަރަހައްދުގެ އަމަން އަމާންކަމާއި މަސްލަހަތު ނަގާލުމަށް ކުރާ މިފަދަ އަމަލުތައް ބަލައިނުގަންނާނެ ކަމަށެވެ.

އިޒްރޭލު މީޑިއާތަކުން ބުނެފައިވަނީ ހަމަލާ އަމާޒުކުރީ ހަމާސްގެ އިސް ޕޮލިޓިކަލް ލީޑަރު ހާލެދު މަޝަލްއަށް ކަމަށެވެ. ނަމަވެސް އޭނާ އެ ހަމަލާއިން ސަލާމަތްވެވަޑައިގެންނެވި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ފަލަސްތީނުގެ ހަމާސް ގުރޫޕުގެ އިސްވެރިޔެއް ކަމަށްވާ ޚަލެދް މަޝަލް

އީރާނުންވެސް ވަނީ އިޒްރޭލުގެ މި ހަމަލާއަކީ ފިނޑި އަމަލެއް ކަމަށްބުނެ އެކަން ކުށްވެރިކޮށްފަ އެވެ. އަދި އެ ހަމަލާއަކީ ބައިނަލްއަޤްވާމީ ގާނޫނާ ހިލާފުވުން ކަމަށް އީރާނުން ބުންޏެވެ.

އިޒްރޭލުން ހަމަލާ ދީފައިވަނީ އެމެރިކާއިން ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި ގުޅޭގޮތުން މަޝްވަރާކުރަން ހަމާސްގެ ލީޑަރުންތަކެއް ތިއްބާ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވެ އެވެ.