ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އީއެންވީ ޕީއޯއެސް ޕްރޮގްރާމްގެ ދަށުން މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) އާއެކު ސްޓްރެޓީޖިކް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މި އެއްބަސްވުމުގެ މަގުސަދަކީ ރާއްޖޭގައި ރިސައިކަލް ކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ތިމާވެއްޓާއި ރައްޓެހި ގޮތަށް ޕްލާސްޓިކް މެނޭޖްކުރުމެވެ.

އެ ބޭންކުން ބުނީ މި އެސްބަސްވުމުގެ ދަށުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު ގާއިމްކޮށްފައިވާ މޯޕާގެ މެޓީރިއަލް ރިކަވަރީ ފެސިލިޓީގައި އިތުރު ފެސިލިޓީއެއް ގާއިމްކުރާނެ ކަމަށެވެ. އަދި މި ތަނުގައި ޕެޓް ޕްލާސްޓިކް ގްރައިންޑާތައް ގާއިމުކުރުމަށްފަހު ޕްލާސްޓިކް ފުޅިތައް ގްރެނިއުލްސްއަށް ބަދަލުކޮށް، އިންޑިއާ އަދި މެލޭޝިއާގެ ރީސައިކްލިން ފެސިލިޓީތަކަށް އެކްސްޕޯޓް ކުރާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ބީއެމްއެލްގެ އީއެންވީ ޕީއޯއެސް ޕްރޮގްރާމްގެ ދަށުން މޯޕާ އާއެކު ސްޓްރެޓީޖިކް އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު ސަލާމްކުރަނީ. ފޮޓޯ: ބީއެމްއެލް

މި އެއްބަސްވުމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ އީއެންވީ ޕީއޯއެސް ޕްރޮގްރާމްގެ ދަށުން މޯޕާއާ ގުޅިގެން މަސައްކަތް ކުރުމަށް ފުރުސަތު ލިބުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށެވެ.

"ރާއްޖޭގެ ޕްލާސްޓިކް ރީސައިކްލިންގެ ގާބިލުކަން އިތުރުކޮށް، ސަރަހައްދީ ފެސިލިޓީތަކަށް އެކްސްޕޯޓްކުރުމަށް މަގުފަހިކޮށްދީ، އަޅުގަނޑުމެން މި ދަނީ ރާއްޖޭގެ ދެމެހެއްޓެނިވި މުސްތަޤްބަލެއް ގާއިމުކޮށް ތިމާވެއްޓަށް ފައިދާހުރި ބަދަލުތަކެއް ގެނެވޭނެކަން ދައްކައިދެމުން،" ޝަރީފު ވިދާޅުވި އެވެ.

މޯޕާގެ ރައީސް އަހުމަދު މައުމޫން ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްއާއެކު ސޮއިކުރި މި އެއްބަސްވުމަކީ އެ ޖަމިއްޔާ އިން ގައުމީ ފެންވަރެއްގައި ހިންގާ ރީސައިކްލިން މަސައްކަތްތަކަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށެވެ.

"މި އާ ފެސިލިޓީ ގާއިމުކުރުމުން، ގިނަ އަދަދެއްގެ ޕްލާސްޓިކް ބޭނުންތެރި ރޯމެޓީރިއަލްއަށް ބަދަލުކޮށްލެވޭނެ. މި އެހީތެރިކަމުގެ ސަބަބުން ކުނި މެނޭޖްކުރުމަށް މުހިންމު މަސައްކަތްތަކެއް ފަށައި، ދެމެހެއްޓެނެވި ހަރުދަނާ ނިޒާމެއް ގާއިމްކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި އީއެންވީ ޕީއޯއެސް ޕްރޮގްރާމަކީ ތިމާވެށި ރައްކާތެރިކުރުމަށް ބީއެމްއެލްގެ ދުރުރާސްތާ އަމާޒުގެ ދަށުން، މި ބީއެމްއެލް އީއެންވީ ކާޑު މެޝިން ބޭނުންކޮށްގެން ކުރާ ކޮންމެ މުއާމަލާތަކަށް ބޭންކުން ވަކި އަދަދެއް ކަނޑައަޅައި ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ހިންގާ މަސައްކަތަށް ހޭދަކުރާނެ އެވެ. އަދި މި ޕްރޮގްރާމަށް ކަސްޓަމަރުން ވެސް އަދި ވިޔަފާރިތަކުން ވެސް އެއްވެސް އިތުރު ޚަރަދެއް ކުރާކަށް ނުޖެހޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.

"އެހެންކަމުން އީއެންވީ ޕޮސް މެޝިންތަކުގައި ކާޑުން ކުރާ ކޮންމެ މުއާމަލާތަކުން ކަސްޓަމަރުންނަށް ސީދާގޮތުން ރާއްޖޭގެ ނާޒުކު ތިމާވެއްޓާއި ކަނޑުފަރުގެ ދިރުންތައް އަންނައޮތް ޖީލުތަކާ ހަމައަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގައި ބައިވެރިވެ އެހީތެރިވެދެވޭނެ،" ބީއެމްއެލް އިން ބުންޏެވެ.

އެ ބޭންކުން ބުނިގޮތުގައި މި ޕްރޮގްރާމްގެ ދަށުން، ޕާލޭގެ އެއާ ސްޓްރެޓެޖީއަށް އެހީތެރިވެދީ ޕާލޭ މޯލްޑިވްސް އިން ޖަރުމަނަށާއި، ޓައިވާނާއި މެލޭޝިއާއަށް ޕްލާސްޓިކް އެކްސްޕޯޓްކުރުމުގެ މަސައްކަތަށް ވެސް ބީއެމްއެލްއިން އެހީތެރިވެފައިވެ އެވެ.