ކުދިން ކުޑައިރު އުޅެ ބޮޑުވަނީ ކޮންމެ ވެސް ބެލެނިވެރިއެއްގެ ބެލުމުގެ ދަށުގަ އެވެ. ކުދި ގުރޫޕްތަކުގަ އެވެ. ގޭގަ ނަމަ އާއިލާގެ މެންބަރެއްގެ ބެލުމުގެ ދަށުގަ އެވެ. ސްކޫލުގައި ނަމަ، ޓީޗަރެއްގެ ބެލުމުގެ ދަށުގަ އެވެ. ކުދިން ހެދިބޮޑުވާ އުމުރަށް އެޅުމުން މިނިވަން ކަމަށް ލޯބިކުރަން ފަށަ އެވެ. ރައްޓެހިން ހޯދައި ބެލެނިވެރިން ތިބިމަގާމަށް ރައްޓެހިން ހަމަޖައްސަ އެވެ. ކިތަންމެ ރަނގަޅު ތަރުބިއްޔަތެއް ދެވިފައިވި ނަމަވެސް ހެދި ބޮޑުވާ އުމުރު ނުވަތަ ޓީނޭޖް އުމުރުގައި ރައްޓެހިންގެ ނުފޫޒު އެކުދިންގެ މައްޗަށް ފޯރަ އެވެ.
ގާތް އެކުވެރިޔާގެ ސަބަބުން ދަރިފުޅަށް ކުރިން ނޭނގޭ އެތައް ކަމެއް ދަސްވެ އެވެ. ރަނގަޅު ކަންތަކެވެ. އަދި ނުބައި ކަންތަކެވެ. މިކަމަކީ އެއްވެސް ގޮތަކަށް ބެލެނިވެރިންގެ އިހުމާލުން ދިމާވާކަމެއް ނޫނެވެ. އެއީ ހެދި ބޮޑުވުމުގައި ކަޑައްތުކުރާ މަރުހަލާއެކެވެ. ބެލެނިވެރިންގެ ބެލުމުގެ ދަށުން މުޖުތަމައަށް ނުކުމެ އަމިއްލަ މީހާ ދެނެގަތުމުގެ ތެރެއިން ހިނގާ ކަންކަމެވެ.
ދަރިފުޅަށް ރައްޓެހިންގެ ނުފޫޒު އައުމުން ގޮތެއް ނިންމަން ބެލެނިވެރިން ޖެހިލުންވެ އެވެ. އެ ނިންމުމުގެ ސަބަބުން ދަރިފުޅަށް ލިބިދާނެ ނަފްސާނީ ގެއްލުމަކަށް ރިޢާޔަތް ކޮށެވެ. ނަމަވެސް ދެ ގޮތެއް ނިންމެ އެވެ. ނުބައި ނުފޫޒު ފޯރުވާ ކުއްޖާ ދުރުކުރުމެވެ. ނުވަތަ މައިންބަފައިން ދަރިފުޅުގެ ހަޔާތުން އިރުކޮޅަކަށް އެއްފަރާތް ވެލުމެވެ.
ވަކި ރައްޓެއްސަކު ދުރުކުރަން ކުރާ މަސައްކަތް އާންމުކޮށް ފެއިލްވެ އެވެ. މިކަމަށް ކަމާބެހޭ މާހިރުން ދީފައިވާ ނަމަކީ "ރިއެކްޓަންސް ތިއަރީ" އެވެ. އެ ތިއަރީގައި ވާގޮތުން ދަރިފުޅު ވަކިކަމެއް ކުރުމުން މަނާކުރަން މަސައްކަތް ކުރުމުން އެކަން ކުރުމުގައި ދެމިހުރުމަށް ހިތްޖެހެ އެވެ. އެ މަނާކުރާ ކަންތަކުގައި ފޮރުވިފައިވާ ކަންކަން ހޯދާ ބެލުމަށް ޝައުގު އުފެދެ އެވެ. އެހެން ނަމަވެސް ދަރިއަކު ހަލާކުވެދާ ތަން ބަލަހައްޓައިގެން ހުރުމަކީ ވެސް ކުރެވޭނެ ކަމެއް ނޫނެވެ. ނުބައި ރައްޓެއްސެއްގެ ނުފޫޒު ދަރިފުޅަށް ފޯރާނަމަ އެކަމުގެ ބައެއް ހައްލު ތިރީގާއި ހިމަނާލާނަމެވެ.
އެކުވެރިޔާ ކުށްވެރި ނުކޮށް ބެލިވެރިޔާގެ އާ ގޭމެއް ޖެއްސުން
ކުދިންނަށް ހެޔޮ އެދިގެން ވަކި ކުއްޖަކާ ދުރު ނުކުރެވޭ ނަމަ ރުޅި އައުމުގެ ބަދަލުގައި ބެލެނިވެރިން ތަފާތު އުކުޅެއް ބޭނުން ކުރަންޖެހޭނެ އެވެ. ހެދި ބޮޑުވާ އުމުރުގެ ކުދިންނަށް ހެދި ދިރާސާއަކުން ދައްކާގޮތުގައި ކުއްޖާގެ ވަކި އުމުރެއްގައި އޭނާގެ މައްޗަށް ގާތް ރައްޓެހިންގެ ނުފޫޒު ގަދަވެ އެވެ.
މިސާލަކަށް ލާނެ އަންނައުނާއި، ހުސް ވަގުތު ކުރާނެ ކަންތައް، އަދި ސޯޝަލް މީޑިއާ ބޭނުންކުރުމުގައި ވެސް މައިންބަފައިންނަށް ވުރެ ރައްޓެހިންގެ ބަސް އަހަ އެވެ. މި ހަގީގަތް ގަބޫލުކުރުމަކީ މިކަމަށް އޮތް ފުރަތަމަ ހައްލެވެ. އެއަށް ފަހު ފިލާވަޅު ނަގައިދޭ އުސޫލުން އެއްކަމެއް ވެސް ހާސިލް ނުކުރެވޭނެ ކަން ދެނެގަންނަން ވާނެ އެވެ.
އޭގެ ބަދަލުގައި ކުދިކުދި ކަންކަމުގެ ތެރެއިން އެ ކުދިންގެ ސިކުނޑިއާ ކުޅެލެވިދާނެވެ. މިސާލަކަށް ފެމިލީ އެއްކޮށް ބައްދަލުވެ، އެހެން މީހުންގެ ވާހަކަ ދައްކަމުން މީހުން ކުރާ ރަނގަޅު ކަންކަމުގެ ވާހަކަ ދެއްކިދާނެ އެވެ. ނުވަތަ މިސާލު ދައްކައިގެން ކަންކަން ކުރުމުގެ ރަނގަޅު ގޮތް ބުނެދެވިދާނެ އެވެ.
މިސާލަކަށް ގެއަށް މީހަކު އައުމުން އޭނައަށް މެހުމާންދާރީ އަދާކުރުމާއި، ގޭތެރޭގައި އެކަކުގެ ބުރަ އަނެކަކު ލުއިކޮށް ދިނުމަށް އެހީވެދިނުމާއި، އޯގާތެރިކޮށް ގާތްތިމާގެ މީހުންނަށް ކަންކަން ކޮށްދޭ ގޮތް އަމަލުން ދެއްކުމާއި މިފަދަ ގޮތަކަށް ރަނގަޅު މިސާލު ދެއްކިދާނެ އެވެ. އަދި ނުބައި ރައްޓެއްސެއްގެ ސަބަބުން މީހަކަށް ދިމާވި ހާދިސާއެއް ކިޔައިދެވިދާނެ އެވެ. ބޮޑުވަމުން އަންނަ ކުދިން ކަންތައްތައް ދަސްކުރަނީ އަޑު އެހުމަށް ވުރެ ބެލެނިވެރިން ކަންކަން ކުރާގޮތް ބަލައި ކޮޕީކޮށްގެނެވެ.
ނުފޫޒުގަދަ ރަހުމަތްތެރިއަކީ އަގުބޮޑެތި ތަކެތި ގެންގުޅޭ ކުއްޖަކަށް ވުމުގެ ސަބަބުން، ދަރިފުޅު ވެސް އެފަދަ އެއްޗެއްސަށް ލޯބިކުރާނަމަ، ބެލެނިވެރިން ހާލުގައި ދިރިއުޅޭ ނިކަމެތިންނަށް އެހީތެރިވެދިނުން އިތުރުކުރާށެވެ. ހާލުގައި އުޅޭ މީހުންގެ ވާހަކަ ގިނައިން ދައްކާށެވެ. އެގޮތަށް ކަންތައް ކުރުމުން ދަތިހާލުގައި އުޅޭ މީހުންގެ ދިރިއުޅުމާ ދޭތެރޭ އެ ކުދިން ވިސްނަން ފަށާނެ އެވެ. އަދި ބެލެނިވެރިން އެފަދަ ފަރާތްތަކާއި ދޭތެރޭ ކަންތައް ކުރާގޮތް ދަސްވާނެ އެވެ.
ގޭތެރޭގެ މާހައުލު ބަދަލުކޮށްލުން
ރައްޓެހިންގެ ބާރާއި ނުފޫޒު ދަރިފުޅުގެ މައްޗަށް ގަދަނަމަ، ދަރިފުޅު ދިރިއުޅޭ ގެއަކީ ހިތްހަމަޖެހޭ މިނިވަންކަން ބޮޑު ތަނަކަށް ހަދާށެވެ. ކުދިން ކާހިތްވާ ތަކެތި ފަސޭހައިން ގެއިން ލިބޭނެ އިންތިޒާމެއް ހަމަޖައްސާށެވެ. ބޭނުމަކީ ދަރުފުޅާއި އޭނާގެ ރައްޓެހިން ގިނަ ވަގުތު ގޭތެރޭގައި ހޭދަކުރާނެ ގޮތް ހެދުމެވެ. މިކަމަކީ ކުއްޖާގެ އަމިއްލަ އައިޑެންޓީޓީ ނުވަތާ އޭނާއަކީ ކާކުކަން ދެނެގަންނަމުންދާ ދުވަސް ވަރަކަށް މުހިންމު ބަދަލެކެވެ. އޭގެ ސަބަބުން ބޭރުގެ ނޭދެވޭ މާހައުލުތަކުގެ ނުފޫޒުން ކުއްޖާ ދުރުކުރެވެ އެވެ. މިކަމަކީ މުހިންމު އުކުޅުތައް ތަރައްގީކޮށް ދަސްކޮށްދީ އަދި ދަރިފުޅު ރައްކާތެރިކުރުމަށް ކުރަން ވަރަށް މުހިންމު ކަމަކަށްވާތީ އެވެ.
ނުބައި ރައްޓެހިންގެ ނުފޫޒު މާބޮޑަށް ގަދަވެއްޖެނަމަ މިސްރާބު ބަދަލު ކޮށްލުން
ރައްޓެހިންގެ ނުފޫޒުގައި ޖެހި، ނުބައި މަގަކުން ދާކަން ޔާގީންވެއްޖެ ނަމަ އެކަމަށް އަވަސް ހައްލެއް ގެނައުން މުހިންމެވެ. މިފަދަ ހާލަތެއްގައި ވެސް ރައްޓެހިންގެ ނަންނުގަނެ އެ ކުދިންނާ ދުރުކުރުން މުހިންމެވެ. އެގޮތުން ކުރެވިދާނެ އެއްކަމަކީ ކުޅިވަރެއްގައި ބައިވެރިކޮށް އެ ކުޅިވަރަކުން އެކުއްޖާ ކުރިއެރުވުމަށް މަސައްކަތް ކުރުމެވެ.
ދަރިން ރަނގަޅު ތަރުބިއްޔަތެއްގައި ބޮޑުކުރި ނަމަ ފަހުން ނުބައި ނަތީޖާއެއް ނާންނާނެކަން އަބަދުވެސް ޔަގީންކުރުމަކީ މުހިންމު ކަމެކެވެ. ވަކި އުމުރެއްގައި ދިމާވާ ކުއްޖެއްގެ ސަބަބުން އެ ކުއްޖަކު ތަރުބިއްޔަތު ވެގެން ދިޔަ ގޮތަކަށް މާބޮޑު ބަދަލުތަކެއް ނާންނާނެ އެވެ.
ބެލެނިވެރިއެއްގެ ޒިންމާއަކީ ކަންކަން ކޮންޓްރޯލްކުރުމާއެކު އެ ކުއްޖާއާ ދޭތެރޭ އަބަދުވެސް ހެޔޮގޮތުގައި މުއާމަލާތްކުރުމާއެކު އަބަދުވެސް އެ ކުއްޖަކު ރަނގަޅު މަގުން ހިނގާނެ ކަމަށް އިތުބާރު ކުރުމެވެ. އޭގެ ތެރޭގައި އެ ކުއްޖެއްގެ ދިރިއުޅުމުގެ ފިލާވަޅު އެންމެ އުނދަގޫ ގޮތުގައި ދަސްކުރުމަށް ފުރުސަތު ދިނުން ވެސް ހިމެނެ އެވެ. އަދި ނުފޫޒުގަދަ ރައްޓެހިން އެ ކުއްޖެއްގެ ހަޔާތުން ނުކުތުމުން ވެސް ބެލެނިވެރިން އެ މީހުންގެ ޒިންމާ އަދާކުރުން މަތީ ދެމިހުރުމެވެ.