ބ. ދޮންފަނު ފަރަށް މިއަދު ހެނދުނު ޑައިވްކުރަން ދިޔަ ބަޔަކު ހުއްޓުވައި އެ ރަށު ބަޔަކު ހުރަސް އަޅައިފި އެވެ.
ޓޫރިސްޓުންގެ މަގްބޫލް މަންޒިލެއްގެ ގޮތުގައި އޮތް ދޮންފަނުގެ ފަރުން ފެށިގެން 700 މީޓަރު ސަރަހައްދެއްގައި ފީނުމާއި ޑައިވްކުރުން އެ ރަށު ކައުންސިލުން މަނާކުރީ ގާނޫނާ ހިލާފަށް ކަމަށް އެލްޖީއޭ އިން ވަނީ ކަނޑައަޅާފަ އެވެ. އަދި އެ ނިންމުން ބާތިލްކުރަން އެ ރަށު ކައުންސިލަށް އެލްޖީއޭ އިން އެންގި އެވެ.
އެލްޖީއޭ އިން އެފަދައިން އަންގާފައި ވަނިކޮށް، އެ ފަރަށް ޑައިވްކުރަން ދިޔަ ބަޔަކަށް އެ ރަށު ބަޔަކު ވަނީ ހުރަސް އަޅާފަ އެވެ. އެ މީހުންނަށް ހުރަސް އެޅީ އެ ރަށުގެ ދޯނިތަކެއްގައި މިއަދު މުޒާހަރާ ކުރަމުން ދިޔަ ބައެކެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ޑައިވް ދޯންޏަކުން ދިޔަ ބަޔަކު ފައިބަން އުޅުމުން ދޮންފަނު ރައްޔިތުންތަކެއް އެ ސަރަހައްދާ ކައިރިކޮށް އެކަން ނުކުރަން އަންގަ އެވެ. އަދި އެވަގުތު ބަހުގެ ހަމަލާތަކެއް ވެސް ދެބައި މީހުން ބަދަލުކޮށްފައިވެ އެވެ.
އެ ސަރަހައްދު ދޫކޮށް ދިޔުމަށް ދޮންފަނުގެ ބަޔަކު އެންގުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އޮތް ބޮޑު ހުރަހެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
މިކަމާ ގުޅިގެން ކަމާބެހޭ އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައެއްނުވެ އެވެ.
ހާދަ ދުރަށް ނުވިސްނާ، ސިކުނޑީގެ އެއްވެސް ތެތްކަމެއް ނެތް ބައެކޭ މީ!! ދޮންފަނު ރައްޔިތުންގެ ބޭއަދަބީ އަމަލުތަކުގެ ސަބަބުން މުޅި ބާ އަތޮޅުގެ ފަތުރުވެރިކަމަށް އަސަރުކުރާނެކަން ޔަގީން!!!
ރިޕްލައި