ޖަސްޓިން ބެލްޑޯނީއާއި ބްލޭކް ލައިވްލީގެ މެދުގައި ކުރިއަށްދާ ޖިންސީ ފުރައްސާރައިގެ ޝަރީއަތުގައި މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ ހެކި ބަސް ނަގަން ތާވަލު ކޮށްފި އެވެ.
ޖަސްޓިންގެ ވަކީލުން މި ހަފްތާ ތެރޭގައި ކޯޓަށް ހުށައެޅި ލިޔެކިޔުންތަކުގައި ބުނެފައިވަނީ އެ މައްސަލާގައި ހެކިބަސް ދޭން ޓޭލާ އެއްބަސް ވެފައިވާ ކަމަށެވެ.
އެގޮތުން އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެ ފަހުން އޭނާ ކޯޓަށް ހާޒިރުވާނެ ކަމަށާއި އޭގެ ކުރިން މަސައްކަތުގައި ބުރަކޮށް އުޅޭތީ ވަގުތު ނުވާނެ ކަމަށް އެ ލިޔެކިޔުންތަކުގައި ބުނެފައިވެ އެވެ.
ޓޭލާގެ ކުރިއަށް އޮތް އަލްބަމް "ލައިފް އޮފް އަ ޝޯގާލް" އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހު ރިލީޒްކުރާއިރު އޭގެ ކުރިން އޭނާއަށް ހެކިބަސް ނުދެވޭނެ ކަމަށް ޓޭލާގެ ޓީމުން ޖަސްޓިންއަށް އަންގާފައިވެ އެވެ.
ޖަސްޓިންއާއި ބްލޭކްގެ ގާނޫނީ ކޯޅުމުގެ ތެރެއިން ޓޭލާ ވަދެފައިވަނީ "އިޓް އެންޑްސް ވިތު އަސް"ގެ ޕްރޮޑަކްޝަންގައި އޭނާގެ ބައިވެރިވުން އޮތުމާއެކު ބްލޭކްއާއެކު އޮތް ރަހުމަތްތެރިކަމުގެ ސަބަބުންނެވެ.
އެހެން ނަމަވެސް ޓޭލާގެ ޓީމުން ވަނީ އެ ދެމީހުންގެ މެދުގައި ޖެހިގެން އުޅޭ މައްސަލައާ ޓޭލާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފަ އެވެ.