މޫނު ބުރުގާ އަޅަން ބޭނުންނަމަ އެ ފުރުސަތު ލިބޭނެހެން ސިވިލް ސާވިސް ގަވައިދު އިސްލާހުކޮށްފި އެވެ.

އާދިއްތަ ދުވަހު ގެޒެޓުކޮށް، އަމަލުކުރަން ފެށި ސިވިލް ސާވިސް ގަވައިދުގެ 145ވަނަ މާއްދާގެ (ހ) އަށް ގެނައި އިސްލާހުގައި ވަނީ ސިވިލް ސާވިސް މުވައްޒަފުން ތިބެންވާ ގޮތް ތަފްސީލުކޮށްފަ އެވެ.

އެގޮތުން އިސްލާހުގައި ވަނީ، މުވައްޒަފުން ހިދުމަތް ދިނުމުގައި ތިބެންވާނީ އެކަށީގެންވާ ހެދުމެއްގައި ކަމަށެވެ. އަދި އެ ހިދުމަތުގެ ގޮތުން ކާކުކަން އެނގެންޖެހޭ ފަދަ ހިދުމަތެއް ދޭ މުވައްޒަފުން، އެ މުވައްޒަފުގެ ނަމާއި މަގާމު އެނގޭ ގޮތަށް ކާޑު ނުވަތަ ޓެގު ބޭނުން ކުރަންވާނެ ކަމަށެވެ.

މީގެ ކުރިން އެ އަކުރުގައި ބަޔާން ކޮށްފައި އޮންނަނީ، "ސިވިލް ސާވިސްގެ ކޮންމެ ހިދުމަތަކީ ވެސް ޒިންމާދާރު ކަމާއެކު ދޭންޖެހޭ އަދި ޖަވާބުދާރީ ވާންޖެހޭ ހިދުމަތަކަށްވެފައި، ހިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި މުއާމަލާތް ކުރާ ފަރާތްތަކަށް އެ މީހަކު ފާހަގަކޮށް އެނގެން ޖެހޭނެތީ، ސިވިލް ސާވިސްގެ މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތެއްގައި" ކަމަށެވެ.

އެހެން އޮތުމުން، ސިވިލް ސާވިސްގެ ވަޒީފާތަކުގައި މޫނު ބުރުގާ އަޅައިގެން ދުމަތް ކުރަން ބޭނުންވެފައި ތިބި އަންހެނުންނަށް އޮތީ އެކަމަށް ހުރަސް އެޅިފަ އެވެ. ނަމަވެސް މި އިސްލާހާއެކު ދެން މޫނު ބުރުގާ އަޅައިގެން ވެސް ވަޒީފާއަށް ނިކުންނަން ފުރުސަތު ފަހިވާނެ އެވެ.

މި ފަހުން ވަނީ ޝަރުއީ ދާއިރާގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ވެސް މޫނު ބުރުގާ އެޅުން ހުއްދަކޮށްފަ އެވެ.

އެ ދާއިރާގެ މުވައްޒަފުންނަށް ވެސް އެ ކަމަށް ހުރަސް އެޅޭހެން ސަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދުގައި ކުރިން އޮންނަނީ، ޝަރުއީ ދާއިރާގެ ކޮންމެ ހިދުމަތަކީ ވެސް ޒިންމާދާރު ކަމާއެކު ދޭން ޖެހޭ އަދި ޖަވާބުދާރީން ވާން ޖެހޭ ހިދުމަތަކަށް ވެފައި، ހިދުމަތް ލިބިގަންނަން އަންނަ ބަޔަކަށް މުއާމަލާތް ކުރާ މީހަކަށް އެ މީހަކު ފާހަގަކޮށް އެނގެން ޖެހޭނެ ކަމަށެވެ.

ނަމަވެސް ޝަރުއީ ދާއިރާގެ އަންހެން މުވައްޒަފުންނަށް ވެސް އެ ކަން ހުއްދަ ކުރީ އެ މާއްދާއަށް މިހާރު އިތުރު ބައެއް އިތުރުކޮށް، މޫނު ބުރުގާ އެޅުމަށް މުވައްޒަފުންނަށް ހުރަހެއް ނެތް ކަމަށާއި ނަމަވެސް މަސައްކަތުގެ މާހައުލުގައި އުޅޭ އުޅުމުގެ ތެރެއިން، އެ މީހާއަކީ ކާކުކަން ކަށަވަރު ކުރަން ޖެހިއްޖެ ނަމަ އެފަދަ މުވައްޒަފެއްގެ މޫނު ކޯޓު ނުވަތަ އިދާރާގެ ކަމާ ބެހޭ އަންހެން މުވައްޒަފަކަށް ދައްކަން ވާނެ ކަމަށް ބަޔާންކޮށްފަ އެވެ.