ސަރުކާރުން މީޑިއާ ކޮންޓްރޯލު ކުރުމަށް ފާސްކުރި ގާނޫނުގެ ދަށުން އުފައްދާ ހާއްސަ ކޮމިޝަން ރައީސް މުހައްމަދު މުއިއްޒު އުފައްދަވައިފި އެވެ.
މީޑިއާ ރެގިއުލޭޓު ކުރުމުގެ ނަމުގައި މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލު ފާސްކުރީ އަންގާރަ ދުވަހު އެވެ. އަދި ބިލު ތަސްދީގުކުރެއްވީ އިއްޔެ އެވެ.
މި ގާނޫނާއެކު މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ވަނީ އުވިފަ އެވެ. އެ ދެ އިދާރާގެ މަސައްކަތް ދެން ކުރަން ޖެހެނީ މީޑިއާ ރެގިއުލޭޓް ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުންނެވެ.
އާ ކޮމިޝަނަށް ދާއިމީ މެންބަރުން ކަނޑައެޅެންދެން ވަގުތީ ގޮތުން އެ ތަން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ފަސް ބޭފުޅެއް ކަމަށް ގާނޫނުގައި ބުނެ އެވެ. ގާނޫނަށް އަމަލުކުރަން ފަށާތާ ތިން ދުވަހުގެ ތެރޭގައި އެ ކޮމިޝަނުން ތިން ބޭފުޅުން ކަނޑައަޅަން މީޑިއާ ރެގިއުލޭޓް ގާނޫނު ލާޒިމްކުރެ އެވެ.
މީޑިއާ ރެގިއުލޭޓް ކުރާ ވަގުތީ ކޮމިޝަނަށް ކަނޑައަޅަން ޖެހެނީ ސިވިލް ސާވިސް ހިމެނޭ އިދާރާތަކުގެ ތެރެއިން ޑިރެކްޓަ ޖެނެރަލުން ފެށިގެން މަތީ މަގާމުތަކުގެ ފަސް ބޭފުޅުން ކަމަށް ގާނޫނުގައި ބުނެ އެވެ. ވަގުތީ ކޮމިޓީގެ ރައީސާއި ނައިބު ރައީސް ކަނޑައަޅަން ޖެހެނީ އެ ފަސް މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޝަނަށް ތިން މެންބަރުން އައްޔަން ކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި ދެންތިބޭ ހަތަރު މެންބަރުން އިންތިހާބު ކުރާނީ މީޑިއާތަކުގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. ނަމަވެސް ކޮމިޝަންގެ ހުރިހާ މެންބަރުން ވަކި ކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ދީފައިވެ އެވެ.
އެ ގާނޫނު ފަރުމާކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ސަރުކާރަށް މީޑިއާ ކޮމިޝަނުގެ ކޮންޓްރޯލް ނެގޭގޮތަށެވެ.
ގާނޫނުގައި ވާގޮތުން އާ ކޮމިޝަނަށް މައުލޫމާތުގެ ތެދު ދޮގު ކަނޑައެޅުމުގެ ބާރު ލިބިގެންވެއެވެ. އެހެންކަމުން ސަރުކާރުން ހިންގާ ކޮރަޕްޝަންގެ މައްސަލައަކާ ގުޅޭ ހަބަރެއް ނޫހެއްގައި ލިޔެފައި ވަނިކޮށް އެއީ ދޮގެއް ކަމަށް އެ ކޮމިޝަނަށް ފެނިއްޖެނަމަ އެ ނޫހަކަށް ފިޔަވަޅު އެޅޭނެ އެވެ.
މީގެ އިތުރުން ކޮމިޝަނުން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ނޫސްތަކާއި މަޖައްލާތަކުން ހިލާފު ވެއްޖެ ނަމަ 5،000ރ އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.
ރައީސް މުއިއްޒު އެ ބިލް ތަސްދީގު ކުރެއްވީ ބައިނަލްއަގުވާމީ އެކި އެކި ޖަމިއްޔާ ތަކާއި ގިނަ އަދަދެއްގެ ނޫސްވެރިން އެ ބިލް ތަސްދީގު ނުކުރަން ގޮވާލަމުން ދަނިކޮށެވެ.