ހުއްދަ ނުހޯދައި ބޭނުންކުރާތީ ކަމަށް ބުނެ ބަންދުކުރި މީޑިއާ ފެންޑާ، ރައީސް މުހައްމަދު މުއިއްޒުގެ އެންގެވުމަށް ތަޅާލައިފި އެވެ.
ރައީސް އޮފީސް ކުރިމަތީގައި އޮންނަ ކުރީގެ ހުރަވީ ބިލްޑިން ހުރި ބިމުގައި މި ސަރުކާރުން ގާއިމްކުރި މީޑިއާ ފެންޑާ އުވާލަން ރައީސް ނިންމެވީ މި މަހުގެ 14 ވަނަ ދުވަހު އެވެ.
އެތަން އުވާލަން ރައީސް ނިންމެވީ އެމަނިކުފާނު މީޑިއާގެ މިނިވަންކަމަށް އަރައިގަތުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކާ ދެކޮޅަށް އެތަނުގައި ނޫސްވެރިން އިހްތިޖާޖުކުރި ފަހުންނެވެ.
ރާނާފައިވާ ކުޑަ ސިޑިބަރިއަކާ އެކު ހިޔާކޮށް، ކަރަންޓް ލިބޭ ގޮތަށް އެތަން ގާއިމްކޮށްފައިވަނީ މިދިޔަ މެއި މަހު ފަހުކޮޅު އެވެ. އެ ފެންޑާ ހުޅުއްވައިދެއްވީ ވެސް ރައީސް މުއިއްޒެވެ. އެތަން ހުޅުވުމަށްފަހު ރައީސް އޮފީހުން ބުނީ އެ ފެންޑާއަކީ ރައީސް އޮފީހުގައި ހިނގާ ކަންކަމާއި އެ ސަރަހައްދުގައި ހިމެނޭ ސަރުކާރު އޮފީސްތަކުގައި ހިނގާ ކަންކަމުގެ ހަބަރާއި މައުލޫމާތު ރަސްމީ ގަޑީގައި ހޯދުން ފަސޭހަކޮށްދިނުމަށް ހެދި ތަނެއް ކަމަށެވެ. އަދި އެތަން "ނޫސްވެރިން ބޭނުންވާ ހާލަތްތަކެއްގައި" 24 ގަޑިއިރު ވެސް ބޭނުންކުރެވޭ ގޮތަށް ހުޅުވިފައި ހުންނާނެ ކަމަށް ރައީސް އޮފީހުން ކުރިން ބުނެފައިވެ އެވެ.
މީޑިއާގެ މިނިވަންކަން ފުރިހަމަ މާނައިގައި ފަހިކޮށްދެއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވުމަށްފަހު ވެރިކަމަށް ވަޑައިގަތް ރައީސް މުއިއްޒުގެ ބަހާއި އަމަލު ދިމަލެއް ނުވެ އެވެ. ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަތައް ނޫސްތަކުން ގެނެސްދޭތީ ރައީސް މުއިއްޒު ދެކެވަޑައިގަންނަވަނީ ނޫސްވެރިންނަކީ އެމަނިކުފާނުގެ ހަތުރުންގެ ގޮތުގަ އެވެ.
އެހެންވެ ސަރުކާރު އަޑީގައި އޮވެގެން މީޑިއާ ކޮންޓްރޯލް ބިލް މަޖިލީހަށް ހުށަހެޅީ ވެސް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ލައްވަ އެވެ.
އެ ބިލް ހުށަހެޅުމުން ރައީސް މުއިއްޒު ވިދާޅުވީ އަމިއްލަ މެންބަރަކު އެފަދަ ބިލެއް ހުށަހެޅި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެއީ އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަކަށް ވެސް ނުހެއްދެވި އެވެ. ނަމަވެސް އެ ބިލަކީ ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ޚަލީލާއި އިންފޮމޭޝަން މިނިސްޓަރު އިބްރާހީމް ވަހީދާއި އެޓާނީ ޖެނެރަލް އަހްމަދު އުޝާމްގެ އިތުރުން މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް އިސްވެ ތިބެ ފަރުމާކޮށް ހަންނާން ލައްވައި ހުށަހެޅުއްވި ބިލެއްކަން ފަހުން ވަނީ ހާމަވެފަ އެވެ.